ޑިމޮކުރަޓިކް އެހެން ގައުމުތަކެކޭ އެއްގޮތަށް މި ރާއްޖޭގައި ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ބުނެ މުއައްސަސާތަކެއް ވަނީ އުފައްދާފަ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލެމަށާއި އެފަދަ މައްސަލަތަކަށް މަގު ފަހިވާނެ ގޮތަށް ކުރެވޭ ކަންކަން ހުއްޓުވުމަށް އުސޫލްތަކެއް އެކަށައެޅިފައި ވެސްވެ އެވެ. އެ ހުރިހާ ކަމަކަށް ދައުލަތުން އެތައް ބޮޑު ހޭދަތަކެއް ވެސް ކުރެ އެވެ. ނަމަވެސް އެ މުއައްސަސާތަކާއި އުސޫލްތަކަށް ވުރެ ކޮރަޕްޝަނުގެ ބާރު ގަދަ ކަމަށްފެނެ އެވެ. އެކަން ސާބިތު ކޮށްދެނީ އުސޫލްތައް ތަންފީޒު ކުރުމަށް ދިމާވެފައިވާ މައްސަލަތަކުންނެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން އިތުބާރު ހިފޭ މަގާމުތަކުގެ ތެރެއިން މާލީ ބަޔާން ހުށައަޅަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ފަނޑިޔާރުން ވެސް ހިމެނެ އެވެ. އެ ބަޔާންތަކުގައި ހާއްސަ މައުލޫމާތުތަކެއް ހުންނަންޖެހެ އެވެ. ވަކި ތާރީހެއްގައި އެ ބަޔާންތައް ހުށައަޅަންޖެހެ އެވެ.

ގާނޫނަކުން ބާރު ދީގެން ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ބުނެ އަޑުއުފުލަމުން ދިޔަ ނަމަވެސް އެކަން ވެފައި ވަނީ އެ މީހަކު ބޭނުމިއްޔާ ކުރާ ކަމެއްގެ ގޮތުގަ އެވެ. ނުކުރިޔަސް އޮޅުވާލިޔަސް ކުރެވޭނެ ކަމެއް ނެތްއިރު ބުނެވޭނެ އެއްޗެއްވެސް ނެތެވެ. މިއީ ޖޯކެއްތާ އެވެ.

"އެންމެ އެކަށީގެންވާ ގޮތަކަށް މާލީ ބަޔާން ހާމަ ކުރުމުގެ ނިޒާމެއް ނޫން ރާއްޖޭގައި މި އޮތީކީ. މި އޮތީ ހުށައެޅުމުގެ ނިޒާމެއް، ހުށައެޅުމުގެ ނިޒާމްގެ ތެރެއިން ވެސް ދިވެހި ރާއްޖޭގެ މާލީ ބަޔާންތަކަކީ ސައްހަކަން ކަށަވަރު ކުރެވޭ އެއްޗިއްސެއް ނޫން،" ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި އެވެ.

ޓްރާންސްޕޭރަންސީން ބުނާ ގޮތުން ވެސް މާލީން ބަޔާން ހުށަހެޅުމުގައި އެތައް މައްސަލައެއްވެ އެވެ. ބައެއް ކަން ކަމަށް ބަލާލާނަމެވެ. ރާއްޖޭގެ ނިޒާމުގައި މިހާރު ހުށައަޅާ މާލީ ބަޔާންތަކަކީ އާންމުކުރެވޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ފައިލް ކުރެވިފައިވާ ލިޔުންތަކެކެވެ. މާލީ ބަޔާން ހުށަހަޅަން ޖެހޭ ބޭފުޅުން އެ ބަޔާން ހުށަހަޅަން ޖެހޭ ފަރާތަކީ ނުފޫޒު ފޯރުވޭ ފަރާތަކަށް މިހާރުގެ ނިޒާމްއިންވެ އެވެ. މިސާލަކަށް ބަލާ ނަމަ މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އެ މަޖިލީހުގެ އަމީންއާމަށް ހުށަހަޅަންޖެހޭ އިރު އޭނާއަކީ މެމްބަރުން އިންތިހާބު ކުރާ ފަރާތެކެވެ. ރާއްޖޭގައި އާއިލާ މެމްބަރުންގެ މައްޗަށް އެތައް އަގުހުރި ތަކެއްޗެއްގެ ރަޖިސްޓުރީ ބަދަލުކުރަމުންދާ ކަމަށް ވާހަކަ ދެކެވޭއިރު އެ ފަރާތްތަކުގެ މާލީ ބަޔާން ހުށަހަޅަން ނުޖެހުން މިއީ ބޮޑު މައްސަލައެކެވެ.

"މިގޮތަށް ނިޒާމް އޮތީމަ މަދު ބޭފުޅެއް ބަޔާންތައް ހުށަހަޅާތަން ފެންނަނީ، މިކަން ހަރުދަނާ ކުރަންޖެހޭ، ބަޔާން ހުށަނާޅާ ފަރާތްތަކަށް ފިޔަވަޅުތައް އަޅަން ޖެހޭނެ، މިހާރު އޮތް ގޮތުން މޮނީޓާ ކުރެވޭނެ މެކޭނިޒަމެއް ނެތް، ވަރަށް ދޯދިޔާ،" މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލްތަކަށް ފާޑު ވިދާޅުވެ މަޝްހޫރު ގާނޫނީ ވަކީލެއް ވިދާޅުވި އެވެ.

ދެން ވެސް ހަމަ އެފަދަ ކަމަކަށް ބަލާލާނަމެވެ. ގާނޫނު އަސާސީ އިން ދައުލަތުގެ މުއައްސަސާތައް ހިންގާ ގޮތް ހާމަ ކުރުމުގެ މަސްއޫލިއްޔަތު ވަނީ އޮޑިޓާ ޖެނެރަލާއި ހަވާލުކޮށްފަ އެވެ. އެ އޮފީހުން ދަނީ ދައުލަތުގެ މުއައްސަސާތަކާއި އެ އިރެއްގެ ވެރިންގެ މައްސަލަތައް ފެންމަތިކޮށް އެފަދަ ރިޕޯޓްތައް ވެސް ނެރެމުންނެވެ. މި އަހަރު މިހާތަނަށް އޮޑިޓާ ޖެނެރަލް އޮފީހުން 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް އެތައް ފައިސާއެއް ހަރަދުކޮށްގެން ތައްޔާރުކުރާ އެ އޮޑިޓް ރިޕޯޓްތައް މިއަދު ވެފައި ވަނީ ނޫސްވެރިންގެ ލިޔުންތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި "ގުދޯ ގުދޯ" ގޮވަން އެކަނި ބޭނުންކުރެވޭ އެއްޗަކަށެވެ. އެ ނޫން ކަމެއް ވާހެނެއް ހިޔެއްނުވެ އެވެ.

"މިހާތަނަށް ކަންތައްތައް ވެފައިވަނީ ތިޔަ ވިދާޅުވި ގޮތަށް، [ފޫނެއް ފަޔަށް ފެންފުރާ ގޮތަށް]. މި ގޮތަށް މި ކަންތައްތައް ހިނގަނީ ދައުލަތުގެ ތެރޭގައި ޕަބްލިކް އެކައުންޓަބިލިޓީ ޕްރޮސެސްގެ ކަންތައްތައް ރޭވިފައިވާ ގޮތަށް ބަލާ އިރު އެ ހުރިހާ ގުނަވަނަކުން މަސައްކަތް ކުރަން ޖެހޭ ގޮތުގައި މަސައްކަތް ނުކުރެވުމުގެ ސަބަބުން،" އޮޑިޓާ ޖެނެރަލް އޮފީހުން މިހާތަނަށް ނެރެފައިވާ ރިޕޯޓްތަކަކީ "ފޫނެއް ފަޔަށް ފެން ފުރުން" ކަހަލަ ކަމެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވަނީ ސިފަކުރައްވާފަ އެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ދެކެވަޑައިގަންނަވާ ގޮތުގައި ކޮރަޕްޝަންގެ ތުހުމަތުކޮށް ނެރޭ އޮޑިޓް ރިޕޯޓްތައް ތައްޔާރު ކޮށްފައި ހުންނަނީ ރަނގަޅަށެވެ. އެ ރިޕޯޓު ތަކުން ފެންމަތިކުރާ މައްސަލަތަކަށް ފިޔަވަޅު ނޭޅިފައި ވަނީ "ދުސްތޫރީ ނިޒާމް" ފެއިލްވެފައި ވުމުން ކަމަށް ޝާހު ދެ ކެލައްވަ އެވެ. އެގޮތުން ސިޔާސީ ފަރާތްތަކަކީ ބާރުގަދަ ފަރާތްތަކަށް ވުމުން އޮޑިޓް ރިޕޯޓްތަކުން ބުނާ މައްސަލަތަކަށް ޖަވާބު ހޯދަން ސަރުކާރުތައް ވަނީ ފެއިލްވެފައި ކަމަށް ޝާހު ދެކެވަޑައިގަންނަވަ އެވެ.

"[ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް] އެބަޖެހޭ ގުނަވަންތައް ވަރުގަދަވާން، މީގައި ދެ ގޮތެއްވާނީ، އެއް ގޮތަކީ ރިޕޯޯޓް ތައްޔާރު ކުރި މީހުން ގޯސްވުން ނޫނީ ތުހުމަތު ކުރެވޭ މީހާއަށް އަދަބު ލިބުން،" ޝާހު ވިދާޅުވި އެވެ.

ދެން އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އެވެ. އެ މުއައްސަސާއިން ކޮންމެ އަހަރަކު ވެސް ދަނީ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ބަލަމުންނެވެ. އެތައް މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ފޮނުވަ އެވެ. ނަމަވެސް ވާކަމެއް ނުފެނެ އެވެ. އެތައް ހާސް މައްސަލައަކަށް ފިޔަވަޅު އެޅުމަށް ފޮނުވާއިރު އެއިގެން ފިޔަވަޅުއެޅޭތަން ފެންނަނީ މަދު މައްސަލަތަކަކަށެވެ.

ދައުލަތުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި މައްސަލަތަކެއްވާ ނަމަ އެކަންތައް ތަހުގީގު ކުރުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެސް ޒިންމާއަކަށްވާ އިރު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ނުހުއްޓުވި ވަރަށް ބާރަށް ދަނީ އިތުރުވަމުންނެވެ. އެ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ ފިޔަވަޅު އެޅުން އަވަސް ކުރަން ޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި ހިތާމައަކީ އެބޭފުޅުން ތަހުގީގު ކުރާ މައްސަލަތަކަށް ފިޔަވަޅު އެޅޭ މިންވަރު ލަސްވުން ކަމަށެވެ.

އިއްތިފާގެއް ކަމަށް ނޫނީ ރޭވިގެން ހިންގާ ޖަރީމާއެއް ކަމެއް ބުނާކަށް ނޭންގެ އެވެ. އެނގޭހާ ވެސް ކަމަކީ ކޮރަޕްޝަންގެ ކަންކަން ފަޅާއަރާފާނެ ކަހަލަ މަގުތައް ބަންދުކުރާ ކަމެވެ. އެކަމުގެ އެއް ކަމަކަށް ބަލާއިރު އިންކަމް ޓެކުސް ފާހަގަކޮށްލެވެ އެވެ. އިންކަމް ޓެކްސް ނުނަގަން އުޅޭ އެހެން ސަބަބެއް ވެސްވެ އެވެ. އެއީ ކޮރަޕްޝަންތައް ފަޅާ އަރާނެތީ އެވެ. އިންކަމް ޓެކްސް ނަގަަން ފެށުމުން އިސްވެ ފާހަގަ ކުރި ގޮތަށް ލިބޭ އާމްދަނީގެ ބަޔާންތައް ހުށަހަޅަން ޖެހޭނެ އެވެ. އެ ބަޔާންތަކަކީ ރެގިއުލޭޓްކުރެވޭ ބަޔާންތަކަކަށް ވެގެންދާނެ އެވެ. އެހެންކަމުން ކުރި މަސައްކަތެއް ނެތި ކުއްލިއަކަށް ލިބިފައި ހުންނަ ބޮޑެތި ފައިސާގެ އަދަދުތަކާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް ސުވާލުކުރުމުގެ ފުރުސަތު އޮތްކަމީ ވެސް އެފަދަ ފަރާތްތަކުން އިންކަމް ޓެކުހާ ދެކޮޅު ހަދާ ސަބަބަކަށް ވެދާނެ އެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ވެސް ފާހަގަވަނީ އެއްކަމެކެވެ. ނަމެއްގައި ކޮރަޕްޝަންގެ ދޮރުތައް ބަންދުކޮށްފައިވީ ނަމަވެސް ހަގީގަތުގައި އެދޮރުތައް ވަނީ ހުޅުވާފަ އެވެ. އެކަން ކުރަން މަސައްކަތް ކޮށްފައިވަނީ މުއައްސަސާތަކުގެ "ކަސްތޮޅު" އަޅުވައިގެންނެވެ. ސަބަބަކީ ބާރު ގާނޫނުން ދޭއިރު އެކަން ދެކޮޅު ނުޖެހޭތީ އެވެ. އަދި މުއައްސަސާތަކުން ފެންމަތިކުރާ މައްސަލަތައް ބޭކާރު ކޮށްގެންނެވެ.