އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާބޯޓެއް 162 މީހުންނާ އެކު ގެއްލިއްޖެ އެވެ.

ބީބީސީ އިން މިއަދު ބުނީ އެއާ އޭޝިއާގެ މަތިންދާބޯޓް ކިއޫޒެޑް8501 އާ ގުޅުން ކެނޑިފައިވާކަން އެއާއޭޝިއާ އިން ހާމަކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެބޯޓު އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ޖީއެމްޓީ ގަޑިން 00.24 ގައި ކަމަށެވެ. އެއީ މާލޭ ގަނޑިން ފަތިހު 4:30 އެހާކަންހާއިރު އެވެ.

ގެއްލު ބޯޓު ހޯދުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެއާ އޭޝިއާ އިން ބުންޏެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.
ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.

އެއާ އޭޝިއާއިން ބުނެފައި ވަނީ ބޯޓާ ބެހޭ މައުލޫމާތު ލިބޭ ވަރަކުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގަމުން ދާނެ ކަމަށެވެ.

ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.

ރަސްމީ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ބޯޓުން ދަތުރު ކުރީ އިންޑޮނޭޝިޔާގެ 149 މީހުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.