28 Dec 2014, 08:38
ގއ. އަތޮޅާ ދިމާލުން މަހަށް ނުކުމެ އުޅުނު 84 ފޫޓުގެ ދޯންޏެއް ބިންދައިގެން ހިނގައްޖެ އެވެ. އެ ދޯނި ބިންދައިގެން ދިޔައީ އެންދަމައިގެން މަހަށް ނުކުންނަނިކޮށް މިއަދު ހެނދުނު ގއ. ކޮލަމާފުށި ކައިރިންނެވެ.
ގއ. ދެއްވަދޫ ރަށު ކައުންސިލުން ބުނީ ބިންދައިގެން ގޮސްފައި ވަނީ އެ ރަށު ތޭރަވާ ނަމަކަށް ކިޔާ ދޯނި ކަމަށެވެ. އަދި ބުނީ ހާދިސާ ހިނގި އިރު އެ ދޯނީގައި ވިއްސަކަށް މީހުން ތިބި ކަމަށެވެ.
ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން އިބުރާހީމް ސަން އަށް މިއަދު ވިދާޅުވީ ބިންދައިގެން ދިޔަ ދޯނި، ދެއްވަދޫގެ އެހެން ދެ ދޯންޏެއްގެ މީހުންގެ އެހީގައި ރަށަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ތޭރަވާ ދޯނި ކަނޑުމަތީގައި ދެބުރިވަކިވެފައި --
"... ވިއްސަކަށް މީހުން އެދޯނީގައި ތިބީ. އެއްވެސް މީހަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނުވޭ. އެހެން ދެދޯންޏެއްގެ އެހީގައި އެދޯނި ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ތޭރަވާ ދޯންޏަށް ދިމާވި ހާދިސާއާ ބެހޭ މައުލޫމާތު މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ވެސް ދެއްވާފައި ވާނެ ކަމަށެވެ.
ގއ. އަތޮޅަށް މިއަދަކީ މޫސުން ރަނގަޅު ކަނޑު މަޑު ދުވަހެކެވެ.