28 Dec 2014, 00:32
ބިދޭސީން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް އަތުލައިގަތީ މ. ފާމުދޭރިއާގެ އިންނެވެ. އެ ގެއިން އަތުލައިގަތް ފުޅިތައް ފޮރުވާފައި ހުރީ ލަގެޖް ފޮށިތަކުގަ އެވެ.
ފާމުދޭރިއާގެއިން 70 ފުޅީގެ ބަނގުރަލާއި 70 ދަޅުގެ ބިޔަރު ފެނިފައިވެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން މިރޭ އަތުލައިގަތް ތަކެތީގެ މަގުމަތި އަގު 200،000 ރުފިޔާއަށް އަރާނެ ކަމަށެވެ.

ބިދޭސީން ދިރިއުޅޭ ގެއަކުން ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް: 70 ބަނގުރާ ފުޅި އާއި 70 ބިޔަރު ދަޅު ފުލުހުން އަތުލައިގަތް-- ސަން ފޮޓޯ/ އަލީ ނަސީރު
"މިގެ ބެލި ބެލުމުގައި މިތަކެތީގެ މަގުމަތީގެ އަގު ދެ ލައްކައަށްވުރެއް ގިނަ ރުފިޔާގެ ރާ ފެނިފައި. މީގައި ބްރޭންޑެޑް ފުޅީގައި އެބަ ހުރި ގާތްގަނަޑަކަށް 70 ވަރަަކަށް ފުޅި. ދެން ދަޅު ގާތްގަނޑަކަށް 70ވަރަަކަށް ދަޅު އެބައުޅޭ. ދެން މީގައި ބޮޑެތި ހަންހަމުގައިވެސް ރާ އެބަހުރި،" ޝިފާން ވިދާޅުވި އެވެ.
އިތުރަށް ޝިފާން ވިދާޅުވީ އެފަދަ ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތައް ވަރަށް "ފުޅާކޮށް" މިކަމުގައި ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަމުންދަނީ ގެ ހިފާ ފަރާތުން ބަލަންޖެހޭ ވަރަށް ވުރެއް ބޮޑަށް ނުބެލޭތީ ކަމަށް ޝިފާން ވިދާޅުވި އެވެ.
"ރަލަކީ ރަށު ތެރޭގައި މިހެން ރަށުތެރޭ އާންމުވާން ދޭނެ އެއްޗެއް ނޫން. އެހެންވީމަ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް. އަޅުގަނޑުމެން އަދިވެސް އިރާދަކުރެއްވިއްޔާ މިކަންކަން ބަލަމުންދާނަން. ހާއްސަކޮށް މިހާލަތާއި ގުޅިގެން އަޅުގަނޑުމެން މި ހިންގާ އޮޕެރޭޝަންގެ ނިމުމެއް ނޫން މިއީއެއް. ދެން ފާމުދޭރިއާގެ އިން އެކަކު އަޅުގަނޑުމެން ވާނީ ހައްޔަރުކޮށްފައި. ދެން ހައްޔަރުކުރި މީހާއާއި މިކަމާ ގުޅުންހުރި އެހެނިހެން މައުލޫމާތު އަޅުގަނޑުމެން މިދަނީ ޕްރޮސެސްކުރަމުން. ދެން މި މައްސަލާގައި ދިވެހިން ވެސް ޝާމިލުވޭ،" ޝިފާން ވިދާޅުވި އެވެ.

ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން: އެ މައްސަލާގައި ދިވެހިން ވެސް ޝާމިލްވޭ-- ސަން ފޮޓޯ/ އަލީ ނަސީރު