27 Dec 2014, 22:02
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ، އާ ގާނޫނުލް އުގޫބާތަށް ހޭލުންތެރި ކުރުވުމަށް ފޯން އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް، އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ފަށައިފި އެވެ.
ހަތް އަހަރު ދުވަހުގެ މަސައްކަތުން މަޖިލީހުން ތައްޔާރު ކުރި އާ ގާނޫނުލް އުގޫބާތަށް އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ އޭޖީ އޮފީހުގެ ދަށުން ހިންގަމުންދާ ލީގަލް ސެކްޓާ ރިސޯސް ސެންޓަރު (އެލްއެސްއާރްސީ)އިންނެވެ.
ގާނޫނުތަކުގައި ހުންނަ މައްސަލަތައް ފާހަގަކޮށް، ތައާރަޒުވާ ގާނޫނުތައް އިސްލާހު ކުރުމަށް ސަރުކާރަށް ލަފާދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ އެލްއެސްއާރްސީގެ ލީގަލް ކޮންސަލްޓަންޓް ހުސައިން ޝަމީމް "ސަން"އަށް މިރޭ ވިދާޅުވީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިން އެޕްލިކޭޝަން ލޯންޗު ކުރާނެ ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ 53 އަހަރުވީ ގާނޫނުލް އުގޫބާތު އުވާލައި އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. މިއަހަރުގެ އެޕްރީލް 13 ގައި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވި ގާނޫނުލް އުގޫބާތުގައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތަސްދީގު ކުރިތާ އަހަރު ދުވަސް ފަހުންނެވެ.
ޝަމީމް ވިދާޅުވީ އާ ގާނޫނުލް އުގޫބާތު އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގައި ކަމަށާއި އެ މަސައްކަތުގައި އެ ބޭފުޅުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. ގާނޫނުލް އުގޫބާތަކީ ފަންނީ ބޮޑު މަސައްކަތެއް ކަަމަށާއި އެޕްލިކޭޝަން މެދުވެރިކޮށް ކުށާއި ކުށުގެ އަދަބުތައް ފަސޭހައިން ދެނެގަނެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ އާ ގާނޫނުލް އުގޫބާތަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން އަހުލުވެރިކަމުވުމުގެ ގޮތުން އެލްއެސްއާރްސީ އިން ދަނީ ތަމްރީން ޕްރޮގްރާމް ހިންގަމުންނެވެ. މިއަދު ވަނީ ނޫސްވެރިންނަށް އަމާޒުކޮށްގެން ހަ ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.