އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް 2012 ވަނަ އަހަރު ގެނައި ބްރެޒިލް ޕްލޭމޭކަރ އެވަޓަން ސޫޒާ ސަންތޯސް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ސޮއެކޮށްފި އެވެ.

އޭވައިއެލްއަށް 2012 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތިންވަނަ ހޯދަދިނުމުގައި ސަންތޯސް ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

ސަންތޯސް ނިއުއަށް ސޮއިކޮށްފައި ވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފައި ވާއިރު، ނިއުއިން ބުނީ އޭނާ އެ ކްލަބާ ގުޅުނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އަދި އަންނަ މަހު 10 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އެ ކްލަބުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން އޭނާ މާލެ ގެނެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިހާރު ކުރަމުން ގެންދާކަމަށްވެސް އެ ކްލަބުން މިއަދު މައުލޫމާތު ދިނެވެ.

މީގެ އިތުރުން އެ ކްލަބުން ބުނީ ބިދޭސީ ތިންވަނަ ކުޅުންތެރިއަކު އެ ކްލަބަށް ގެނެވުމަށް މިހާރުވެސް ވާހަކަ ދެކެވެމުން ދާ ކަމަށާއި، ވަރަށް އަަވަހަށް އޭނާ ނިއުއަށް ސޮއި ކުރުމުގެ ކަންތައް ނިމިގެން ދާނެ ކަމަށެވެ.

ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެ ކްލަބް ދޫކޮށް މާޒިޔާއަށް ބަދަލުވުމުން އިއްޔެ އެ ކްލަބުން ވަނީ ސްޕެއިންއަށް ނިސްބަތްވާ ގޯލްކީޕަރެއް ކަމަށްވާ ޕެޑްރޯ މަރެންކޯ އަންނަ ސީޒަނަށް އެ ކްލަބަށް ގެނެސްފައެވެ.

އަންނަ ސީޒަނަށް ނިއުއާ ގުޅުނު ދިވެހި ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ކުރީގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އާއި މި އަަހަރުގެ ކުރީކޮޅު ނިއުއިން ވަކިވި ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަދި އޭވައިއެލްއަށް ކުޅެމުން އައި ގޯލްކީޕަރު މުހައްމަދު ޔަމާން ހިމެނެއެވެ.

ނިއުއިން ބުނީ އަދިވެސް އިތުރު ދިވެހި ކުޅުންތެރިން އެ ކްލަބަށް ގެންނަން މިހާރު ވާހަކަ ދެކެވެމުން ދާކަމަށާއި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ އެ ކްލަބްގެ ހުރިހާ ޓްރާންސްފާއެއް ނިމިގެން ދާނެ ކަމަށެވެ.