27 Dec 2014, 16:44
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ރާއްޖެ އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލްގެ ޝޯގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑަށް ވަންނަ އެންމެން ސްކްރީން ކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ސީޕީ "'ސަން" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ޝޯތައް ބާއްވާއިރު ސެކިއުރިޓީ ދިނުމަކީ ފުލުހުން އަދާކުރަމުން ގެންދާ ޒިންމާއެއް ކަމަށެވެ. އަދި މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ގައުމީ ދަނޑުގައި ބާއްވާ އެ ޝޯ ބެލުމަށް ވަންނަ މީހުންނާއި ދަނޑަށް ވައްދާ ތަކެތި ބެލުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ސެކިއުރިޓީ ދިނުމަށް ފުލުހުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ، އެގޮތުން ދަނޑަށް ވަންނަ މީހުންނާއި ދަނޑަށް ވައްދާ އެއްޗެހި ސްކްރީން ކުރެވިގެން ދަނޑަށް ވަދެެވޭނީ،" ސީޕީ ހުސައިން ވަހީދު ވިދާޅުވި އެވެ.
އާ އަހަރާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޝޯ އާ ގުޅިގެން ޝޯން ޕޯލް އަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ ވީޑިއޯ އެއް ވަނީ ޔޫޓިއުބްގައި އާއްމުކޮށްފަ އެވެ. އެ އިންޒާރާ ގުޅިގެން ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން ފުލުހުންގެ ގާބިލް ކަމާ މެދު ސުވާލުއުފައްދައި، ސޯޝަލް މީޑިއާގައި ތަފާތު ގޮތް ގޮތަށް ގެންދަނީ ވާހަކަ ދައްކަމުންނެވެ. އަދި އެ ޝޯގެ ސެކިއުރިޓީ ނުބެލެހެއްޓިއްޖެ ނަމަ ނުކުމެދާނެ ނަތީޖާ ވަރަށް ވެސް ހިތިވާނެ ކަމަށް ވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައިވެ އެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށް ޓަކައި ޒިންމާދާރުކަން ކުޑަކޮށް، ފުލުހުންގެ ގާބިލް ކަމާ މެދު ސުވާލު އުފެދޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ، ސީޕީގެ ރަސްމީ އެފްބީ ޕޭޖްގައި އެކަން ވަނީ ކުށްވެރިކުރައްވައިފަ އެވެ.
މީގެ އިތުރުން ސަރުކާރަށް ޕްރެޝަރު ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އެފަދަ މަސައްކަތުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމު ވާނެ ފަދަ ގޮތަކަށް އަމަލް ނުކުރުމަށް ވެސް ސީޕީ އެދިވަޑައިގަތެވެ.
"ސަރުކާރަށް ޕްރެޝާ ކުރުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމް ނުކޮށް، ތަހުޖީބު ވެފައިވާ ގައުމުތަކުގައި އެކަންތައް އޮންނަ ގޮތަށް އެކަން ކުރުމަށް ގޮވާލަން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.
މި އަހަރު ނިމޭއިރު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާހަގަކުރުމަށް "ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން"ގެ ނަމުގައި ބާއްވާ އެ ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބަޑިބޭހާއި އަލިފާނުގެ ބައެއް ކުޅިވަރުތަކާ ވެސް އެކުގަ އެވެ.
ޝޯން ޕޯލަށް އިންޒާރު ދިން ނަމަވެސް އެ ޝޯ ރާއްޖޭގައި ބާއްވާނެ ކަމަށް ޝޯން ޕޯލް އަށް ރާއްޖެ އައުމަށް ދައުވަތު ދެއްވި ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިންޒާރުގެ މައްސަލަ ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ. އަދި ޝޯ ގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެ ހާ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.