ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި އިއްޔެ ހަވީރު ކުޅުނު މެޗު ބޮޑު ތަފާތަކުން ކުޑަފަރީ ކާމިޔާބުކޮށްފި އެވެ.

އެ މެޗު ކުޑަފަރީ ކާމިޔާބުކުރީ ކެނދިކުޅުދޫ ސްޓާ އާ ބައްދަލުކޮށް 11-1 އިންނެވެ. މި މޮޅާ އެކު ކުޑަފަރީ ވަނީ ނުވަ ޕޮއިންޓާ އެކު ގުރޫޕު އޭ ގެ އެއްވަނަ މަގާމު ކަށަވަރުކޮށްފަ އެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުޑަފަރީ ޓީމުގެ ޖޯޒީ ނަންބަރު 13، އަލީ ސަމްދޫހު އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމުދެއްވީ ނ. އަތޮޅުގެ އިއްޒަތްތެރިއެއް ކަމަށްވާ މުހައްމަދު ގާސިމް އެވެ.



މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.