27 Dec 2014, 15:20
ޓްރެއިލް ބައިކް ދުއްވުމުގެ ވޯލްޑް ޗެންޕިއަން އަދި ދުނިޔޭގެ ރެކޯޑް ހާސިލްކޮށްފައިވާ ތޯމަސް އޮއިލާ (ޓޮމް) އޭނާގެ މޮޅު ހުނަރުތައް ދައްކާލުމަށް ފަހު ރާއްޖޭގައި ކުރިއަށް ގެން ދިޔަ ޓުއާ ނިންމާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭ ޒުވާނުންގެ މަރުކަޒުގައި ފެށި އެ ޓުއާ ރޭ ނިންމާލާފައި ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދުންނެވެ. އޭނާގެ ހުނަރުތައް މާލޭއާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދެކުނުގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވެ އެވެ. ހަ ދުވަހަށް ކުރިއަށް ދިޔަ އެ ޓުއާގައި އޭނާގެ ސްޓަންޓުތައް ދައްކާފައިވާ އިތުރު ސަހަރަހައްދުތަކަކީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކެވެ.

ވިލިމާލޭގައި ޓޮމް އޭނާގެ ހުނަރު ދައްކާލަނީ--- ފޮޓޯ: ހުސައިން އަމީން
އައްޑޫ ސިޓީގެ ސަރަހައްދުތަކުގައި އެ އިވެންޓު ކުރިއަށް ގެންދިޔައީ މިދިޔަ އާދިއްތަ އާއި ހޯމަ ދުވަހު އެވެ. އަދި އަންގާރަ ދުވަހު ފުވައްމުލަކުގައި އެ އިވެންޓު ކުރިއަށް ގެންގޮސްފައިވާ އިރު، ވިލިމާލެ އާއި ހުޅުމާލޭގައި އެ އިވެންޓު ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހު އެވެ.
ރާއްޖޭގެ ޓުއާ ރޭ ރާޅުގަނޑު ސަރަހައްދުން ނިންމާލި ކަމުގައި ވިޔަސް ޓޮމް ރާއްޖެ އިން ދިއުމަށް ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ޓުއާ އާ މެދު ވާޙަކަ ދައްކަމުން ޓޮމް ބުނީ ރާއްޖެ އައިސް އެންމެނަށް އޭނާގެ ހުނަރުތައް ދައްކާލެވުމުން ވަރަށް އުފާވާ ކަމަށާއި ދިވެހިންގެ ފަރާތުން ލިބިގެން ދިޔަ މެހްމާންދާރީކަން ވަރަށް ރަނގަޅު ކަމަށެވެ.

ވިލިމާލޭގައި ޓޮމް އޭނާގެ ހުނަރު ދައްކާލަނީ--- ފޮޓޯ: ހުސައިން އަމީން
"ވަރަށް އުފާވެ ރާއްޖެއާދެވުނީމަ. ވަރަށް ހިތްގައިމު ތަޖުރިބާއެއް މިއަކީ. ރާއްޖޭގެ ސަގާފަތާއި ކާނާއާއި ރީތި މާހައުލު ދެކިލަން ލިބުނު. އެކަމު އެންމެ ރަނގަޅު ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ މެހްމާންދާރީ ކަން،" ޓޮމް ބުންޏެވެ.
އުމުރުން އެންމެ 15 އަހަރުގައި ޓްރެއިލް ބައިކް ދުއްވަން ފެށި ޓޮމް ވަނީ އުމުރުން 17 އަހަރުގައި އޮސްޓްރިއާގެ ޓްރެއިލް ބައިކް ޗެންޕިއަންކަން ހޯދާފަ އެވެ. އަދި އޭގެ ފަހުން އެ މަގާމު އޭނާ ހަ ފަހަރަށް ހާސިލްކޮށްފައިވާ އިރު، 2006 ވަނަ އަހަރު އޭނާ ވަނީ ޓްރެއިލް ބައިކިންގައި ޔޫރަޕުގެ އިންޑޯ ޗެންޕިއަންޝިޕްވެސް ކަމިޔާބުކޮށްފަ އެވެ. އަދި 2008 ވަނަ އަހަރު ޓްރެއިލް ބައިކިންގެ ދުނިޔޭގެ ޗެންޕިއަންޝިޕް ހާސިލް ކުރުމުގެ އިތުރުން، އޭނާ ވަނީ ބައިސްކަލެއްގައި އެންމެ މައްޗަށް ފުންމުމުގެ ދުނިޔޭގެ ރިކޯޑާއި ބައިސްކަލުގައި 400 މީޓަރު ހާޑްލްސް ކަޑައްތު ކުރުމުގެ ރިކޯޑްވެސް ހަދާފަ އެވެ.