ފުވައްމުލަކު އަނބު މޫސުމާ އެކު މާލޭގެ ބާޒާރުގައި އަނބު ތިޔާގިވެއްޖެ އެވެ. ބާޒާރުގައި އަނބު ތިޔާގިވެފައިވާ ވާތާ މިހާރު ގާތްގަނޑަކަށް ވަނީ ތިން ހަތަރު ދުވަސް ވެފަ އެވެ.

ފަނިގިރުމަށް އާންމުކޮށް ބޭނުންކުރާ، އަނބު ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ހުރި އިރު ގިނައިން ވިއްކަމުން ދަނީ ހަތް އަނބުގެ ބައި ބައި ހަދައި ބައެއް 100 ރުފިޔާ އަށެވެ. ވަކި އަނބެއް ވިއްކަނީ 15 ރުފިޔާ އަށެވެ.

ސަން އަށް އެނގިފައިވާ ގޮތުން ފުވައްމުލަކު އަނބު މާލޭގެ ބާޒާރުގައި 15 ރުފިޔާ އަށް ވިއްކަން ހުރި ނަމަވެސް އެ ރަށުން އަނބެއް ދެ ރުފިޔާ އާއި ތިން ރުފިޔާ އަށް ގަންނަން ލިބެ އެވެ.

އަނބު ހެއްދުމުގައި ނަން މަޝްހޫރު ފުވައްމުލަކު ދަނޑުވެރިއެއް މިއަދު ބުނީ އެ ރަށަށް މިހާރު އަނބު މޫސުން ފެށިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ގަސްގަހުގައި ބައިވަރު އަނބު އަޅާފައިވާ ކަމަށެވެ. އަނބު ހިފައިގެން އަންނަ ދޯނިތައް މިހާރު އެ ރަށުން މާލެ އަންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިރޭ ވެސް ބޯޓެއް ފުރާ މާލެއަށް، އެބޯޓުގައި ވެސް ގިނަ އިން ގެންދާނީ އަގު." ދަނޑުވެރިޔާ ބުންޏެވެ.

ދަނޑުވެރިން ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބާޒާރުގައި މިހާރަށް ވުރެ އަނބުގިނަވެ އަގުތައް ހެޔޮވެގެންދާނެ ކަމަށެވެ.

ބާޒާރުގައި ގިނައިން ލިބެން ހުރީ ފުވައްމުލަކު އަނބެވެ. ދަނޑުވެރިން ބުނީ މިއީ އެ ރަށަށް އަނބު މޫސުން ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަތަރު މަސް ދުވަހަށް އަނބު މޫސުން ކުރިއަށްދާނެ ކަމަށެވެ.