ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމަށް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އެއާޕޯޓްގެ އޮފިޝަލަކު މިއަދު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ ބެކަމާއި އޭނާގެ އާއިލާ ރާއްޖެ އަައިސްފައި ވަނީ މިއަދު ހެނދުނު 9:30 އެހާކަންހާ އިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި ކަމަށެވެ.

ބެކަމްގެ އާއިލާ ބޯޓުން ފެބުމާ އެކު އިމިގްރޭޝަންގެ ކަންތައްތައް ނިންމުމަށް ޓަކައި އެމީހުން ވަނީ ވީއައިޕީ ވެހިކަލެއްގައި ވީއައިޕީ ލައުންޖަށް ގެންދިއުމަށް ފަހު، ވަން އެންޑް އޮންލީ ރީތި ރަށަށް ފުރުވާލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އަދި އެ ދެމަފިރިންގެ ހަތަރު ދަރިން ކަމަށްވާ ބްރުކްލީން، ރޯމިއޯ، ކްރުޒް އަދި ހާޕާ ބެކަމްއާ އެކު މިދިޔަ އަހަރުގެ ވެސް ވަނީ އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކޮށްފަ އެވެ. އެ ފަހަރު ވެސް އޭނާ ޗުއްޓީ ހޭދަކުރީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ.

ބެކަމްގެ އާއިލާ ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅު ވެސް ޗުއްޓީ އެއް ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު ބެކަމް ރީތިރަށް ރިސޯޓުގައި 11 ދުވަހުގެ ޗުއްޓީއެއް ހޭކުރި އިރު ބެކަމްގެ އެ ދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު [6.3 މިލިޔަން ރުފިޔާ] ވަނީ ހަރަދުކޮށްފަ އެވެ.

ބެކަމްގެ އިތުރުން މިވަގުތު ރާއްޖޭގައި ބޮލީ ވުޑްގެ މައްޝޫރު ތަރި ދީޕިކާ ޕަދޯންކަރު ވެސް ގެންދަނީ ތާޒު އެގްޒޯސްޓިކާ ރިސޯޓްގައި ޗުއްޓީއެއް ހޭދަކުރަމުންނެވެ.