ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި ދިިރިއުޅުނު މީހުން ގެތަކަށް ބަދަލުކޮށް ނިންމައި ކޮންމެ އާއިލާއަކަށް 25000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ތ. މަޑިފުށި ކައުންސިލްގެ ރައީސް އަހުމަދު ނަސީމް މިއަދު "ސަން" އަށް ވިދާޅުވީ ސުނާމީ ގެތަކަށް ބަދަލުވި ކޮންމެ އާއިލާއަކަށް 5000 ރުފިޔާ މިހާތަނަށް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި ބާކީ 20000 ރުފިޔާ ފަހުން ދެއްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ އިސްވެރިން ވިދާޅުވެފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"މިހާރު ސަރުކާރުން ވަނީ ގެތަކަށް ބަދަލުވި ހުރިހާ އާއިލާތަކަށް 5000 ރުފިޔާ ދީފައި. އެކަމަކު މިކޮޅަށް ވަޑައިގަތް ހައުސިން މިނިސްޓްރީގެ އިސްވެރިން ވިދާޅުވެފައި އޮތީ ބާކީ އަދި 20000 ރުފިޔާ ސަރުކާރުން ދެއްވާނެ ކަމަށް. އެކަމަކު އެބޭފުޅުން ވިދާޅުވީ އެ ފައިސާ ދޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް." ނަސީމް ވިދާޅުވި އެވެ.

ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ތ. މަޑިފުށީގައި ހަދަމުން ދިޔަ 41 ގޭގެ މަސައްކަތް މުޅިން ވަނީ ނިންމައިފަ އެވެ. އަދި ގއ. ދާންދޫގައި ހަދަމުން ދިޔަ 87 ގޭގެ ތެރެއިން 86 ގޭގެ މަސައްކަތް ނިމިފައިވާ އިރު ގއ. ނިލަންދޫގައި 50 ގޭ ތެރެއިން 45 ގެ އަދި ގއ. ވިލިނގިލީގައި 77 ގޭގެ ތެރެއިން 59 ގޭގެ މަސައްކަތް ވަނީ ނިންމާފައި އެވެ. ހަމައެއާއެކު ގއ. މާމެންދޫގައި ހަދަމުން ދިޔަ 84 ގޭގެ ތެރެއިން 51 ގޭގެ މަސައްކަތް ވަނީ ނިންމާފައި އެވެ.