04 Feb 2011, 00:54
މި ޖެނުއަރީ މަހުން ފެށިގެން ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓީޖީއެސްޓީ ޓެކްސް ނަގަން ފެށުމާ އެކު ޓެކްސް އާއި ޓެކްސް ބަޔާން މި މަހުގެ 28 ގެ ކުރިން ދެއްކުމަށް އިންލެންޑް ރެވެނިއު އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
އިންލެންޑް ރެވެނިއު އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޓީޖީއެސްޓީ ގާނޫނުގެ ދަށުން ރިސޯޓުތަކުންނާއި ހޮޓާތަކުންނާއި ގެސްޓް ހައުސްތަކުން ޕިކްނިކް އައިލެންޑްތަކުންނާއި ޓޫރިސްޓް ހިދުމަތްދޭ އެހެނިހެން ތަންތަނުން ޓީޖީއެސްޓީ ޓެކްސް ނެގޭނެ ކަމަށެވެ. އަދި ކޮންމެ މަހަކު ދައްކަން ޖެހޭ އެ ޓެކްސް ދައްކައި ޓެކްސްގެ ބަޔާން ވެސް ކޮންމެ މަހެއްގެ ވެސް 28 ގެ ކުރިން ނިންމުމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޓެކްސް ނެނގޭ އެއްވެސް ހަރަކާތެއް ހިންގާފައި ނުވި ނަމަވެސް ޓެކްސްގެ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޓެކްސް ބަޔާން ފުރިހަމަ ކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް އިންލެންޑް އޮތޯރިޓީގެ ވެބްސައިޓުގައި ހުންނާނެ ކަމަށެވެ.