27 Dec 2014, 11:42
ދެ ގައުމުގެ ސިފައިން ކުރިން ކޮށްފައިވާ ހަނގުރާމަތަކުގައި މަރުވެފައިވާ އިސްރާއީލު ސިފައިންގެ 22 މީހެއްގެ ހަށިގަނޑު ހޯދުމަށް އިސްރާއީލުގެ ވަފުދެއް މިސްރަށް ހިނގައްޖެ އެވެ.
މިސްރުގެ މަސްރީ އަލް ޔައުމް ނޫހުން މިއަދު ބުނީ ސިފައިންގެ ހަށިތައް ހޯދުމަށް އެގައުމުގެ ވަފުދެއް އައި ކަން ގާހިރާގެ އެއާޕޯޓުގެ ބައެއް އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަންހާމަ ނުކުރާ ފޮޝަލުން ބުނި ކަމަށް އެނޫހުގައި އަދި ވަނީ އިސްރާއީލުގެ ފަސްމީހުން ހިމެނޭ ވަފުދަށް މަރުހަބާ ކީ މިސްރުގެ ޖާސޫސީ ސިފައިންގެ އޮފިޝަލުން ކަމަށެވެ.
މިސްރަށް ބުރާސްފަތި ދުވަހު ދިޔަ އިސްރާއީލު މީހުން ހޯދަން ބޭނުން ވަނީ 1967 ވަނަ އަހަރާއި 1973ގައި މަރުވި އިސްރާއީލު ސިފައިންގެ ހަށިތައް ކަމަށެވެ.
އިސްރާއީލު ރޭޑިއޯއާ ހަވާލާދީ ނޫހުން ބުނީ މިއީ މިސްރުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓުނު ފަހުން އިސްރާއީލުގެ ވަފުދެއް މިސްރަށް ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި މިސްރު ސިފައިން ވެރިކަމާ ހަވާލުވި ފަހުން އިސްރާއީލާ އެގައުމާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ބަޣާވާތުގައި އިސްކޮށް ހުންނެވި، މިސްރުގެ މިހާރުގެ ރައީސް އަބުދުލް ފައްތާހު އައް ސީސީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ގިނަ ކަންތައްތަކެއް ގައި މިސްރުން އަންނަނީ އިސްރާއީލަށް އެއްބާރުލުން ދެމުންނެވެ.