އާ އަހަރާ ފާހަގަކުރުމަށް ގްރެމީ އެވޯޑު ހާސިލް ކޮށްފައިވާ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ގެނެސްފި ނަމަ އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ޔޫޓިއުބް ވީޑިއޯއެއް އާއްމުކޮށްފައިވަނިކޮށް، އެ ޝޯ ނުބޭއްވުމަށް ޖަމިއްޔަތުއްސަލަފުން ގޮވައިލައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް ޝައިހު އަބްދުﷲ ބިން މުހައްމަދު ޖަމިއްޔަތުއް ސަލަފްގެ އެފްބީ ޕޭޖްގައި މިއަދު ވިދާޅުވެފައި ވަނީ ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލް ކަމަށެވެ. އަދި ޒުވާނުން އިސްލާމީ ތަރުބިއްޔަތަށް އަހުލުވެރިކޮށް، ދީންވެރިކަމަށް ލެންބުމުގެ ބަދަލުގައި އެމީހުން ތިބި ގާފިލް ކަމުގެ މައްޗަށް ކުޅިވަރާއި މިއުޒިކް އާއި ފާހިސް ކަންކަމަށް މަސްތުކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދާތީ އެކަންތައްތައް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

"އާ އަހަރު ފާހަގަ ކުރުމަށާއި ސައިތޯނީ ޒީނަތްތެރިކަން ފިޔަވަޅު މަތީގައި ޒުވާނުން ބައިތިއްބަން މަސައްކަތް ކުރުން ހުއްޓުވުމަށް ގޮވާލަމެވެ. އަދި މިފަދަ ފަސާދައިގެ ކަންކަމުގައި ބައިވެރި ނުވުމަށާއި އެމީހަކަށް ކުޅަދާނެ ކަންކަން ހުރި ދާއިރާ އަކުން އެ ކަންކަން ކުރިއަށް ނުދިނުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ،" ސަލަފްގެ ރައީސް ވިދާޅުވެފައިވެ އެވެ.

ސޯން ޕައުލް ރާއްޖެ އަންނަނީ ޓޫރިޒަަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށެވެ. ނަމަވެސް ސައުން ޕައުލް ރާއްޖެ އަންނަން އުޅޭތީވެ، އޭނާ އަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ ވީޑިއޯއެއް ވަނީ ޔޫޓިއުބްގައި އާއްމުކޮށްފަ އެވެ. އެ އިންޒާރު ދިން ނަމަވެސް އެ ޝޯ ރާއްޖޭގައި ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ އެ ވީޑިއޯގައި ބުނެފައި ވަނީ ޝޯން ޕޯލް ފަދަ "ފާހިޝް އަމަލުތައް ކުރާ ބޮޑު ޖައްބާރު ކާފަރަކު" ރާއްޖެ އައިސް، ގައުމު ފަސާދަ ކުރަން ދެން ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި އޭނާ ރާއްޖެ ގެނައުމުގެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށާއި އޭނާގެ ހިމާޔަތުގައި މަސައްކަތް ކުރާނީ މުނާފިގުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ޝޯން ޕޯލް!!! ތިބާ މި ދިވެހިރާއްޖެ އަށް އައިސްފި ނަމަ ދެން ފެނިގެން ދާނީ ތިބާގެ ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު!!!" ސަލާމަތީ ބާރުތަކަކީ ﷲގެ ހަޒުރަތުގައި 'އެއްވެސް ބައެއް ނޫން' ކަމަށް ބުނެ، ދެ ފަހަރަށް ތަކުރާރު ކޮށްފައިވާ އިންޒާރުގައިވެ އެވެ.

މަރުގެ އެ އިންޒާރުގެ ވީޑިއޯއާ ގުޅިގެން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އާ އަހަރާ ދިމާކޮށް ސޯން ޕައުލް ގެނެސްގެން ބާއްވަން އުޅޭ ޝޯ ނުބޭއްވުމަށް ސަލަފުން ގޮވާލައިފައިވާ އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ އެފަަދަ ކަންކަން ކުރެވިދާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އަދި ވަނީ ޒުވާނުންނަށް ހެޔޮ އެދުމަކީ އިސްލާމްދީނުގެ ސަގާފަތާއި ރިވެތި މަންހަޖުގެ ތެރެއިން އެމީހުން ނެރުމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.