އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހެވެ. ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތްދަތި އެއް ދުވަހެވެ. އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިއަށް އައި ބާރު ގަދަ ބިންހެލުމާ އެކު އުފެދުނު ބިޔަ ރާޅުތަކާ އެކު ދިވެހިންގެ ތެރެއިން 82 މީހަކު މި ދުނިޔެއާ ވަކިވެގެން ދިޔަ އެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލިފައިވެ އެވެ. ތޭރަ ރަށަކުން މީހުން ފޭބުމަށް ސަރުކާރުން "ރަސްމީ"ކޮށް އިއުލާން ކުރި އެވެ. ދިވެހިންގެ ތެރެއިން 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔަ އެވެ. ފަސް ރަށެއް މުޅިންހެން ހަލާކުވެގެން ދިޔަ އެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 އިންސައްތަ ގެއްލިގެން ދިޔަ އެވެ.

މިއީ ކަނޑުން އައި ބިޔަ ރާޅެއްގެ ސަބަބުން މިގައުމަށް ކުރިމަތިވި ކުއްލި ހިތާމައެކެވެ. މިހާ ބޮޑު ހިތާމައެއް ކުރިމަތިވާން މެދުވެރިވީ އެފަދަ ކާރިސާއަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅުތަކެއް އެޅިފައި ނެތުމުންކަން ޔަގީނެވެ.

މިއީ އޭގެ 10 އަހަރު ފަހެވެ. މިއަދު ރާއްޖެއަށް އެފަދަ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ރާއްޖެ އޮތީ ކިހާވަރަކަށް ތައްޔާރުވެފައިތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. ކާރިސާތަކުން ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް މިފަދަ ގޮންޖެހުންތައް ނައްތާލައި ކާރިސާތަކުން ލިބޭ ގެއްލުން ތަޙައްމަލު ކުރުމުގެ ގާބިލުކަން ލިބިފައިވާ މުޖުތަމައަކަށް ހެދުމަށް ކުރަން ހުރި މަސައްކަތްތަކުގައި އެންމެން ވެސް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދޭން ޖެހެ އެވެ.

ސުނާމީ ފަދަ ގުދުރަތީ ކާރިސާއަކަށް ދުރާލައި ތައްޔާރުވެވިފައި ތިބި ނަމަ އެއިން ލިބޭ ގެއްލުން ކުޑަކުރެވުނީސްކަން ޔަގީނެވެ. ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ބިރުވެރިކަން ތަޖުރިބާ ކޮށްފައިވާ، ތ. މަޑިފުށީ މީހަކު ބުނީ އެ ދުވަހު ސުނާމީއެއް އަންނަކަން ދުރާލައި އެނގިފައި ނެތުމުން އެކަމަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެވުނު ކަމަށާއި ކުއްލިއަކަށް އެފަދަ ބިޔަ ރާޅެއް އެރުމުން ދާނެ ދިމާލެއް ކުރާނެ ކަމެއް ނޭނގި ކުރެވުނު ކަމަކީ "އަޑުން އަޑު ނަގާ ރުއިން" ކަމަށެވެ.

"އޭރު ސުނާމީ އެރުމުގެ ކުރިން ކަންތައް ކުރަންވީ ގޮތެއް ނޭނގެ. ކުއްލިއަކަށް ބޭބެއަށް ފެނުނީ ބޮޑު ސިންގާ ރާޅެއް އަންނަތަން. ދާނެ ދިމާލެއް ކުރާނެ ކަމެއް އެނގުނީއެއް ނޫން. ގޭގައި ތިބި ބޭބެގެ އަންހެނުންނާއި ދަރިންކޮޅު މަތިން ހިތަށް އަރާފައި އަޑުން އަޑުނަގައި ރޯންފެށުނީ.. ދެން..." ނަން ހާމަ ކުރަން ބޭނުން ނުވާ މަޑިފުށި މީހާ އަސަރާއެކު ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި އެފަދަ ކާރިސާތަކަށް ރާއްޖޭގެ ކަމާ ގުޅުން ހުރި މުއަައްސަސާތައް މިހާރު ހުންނަން ޖެހޭނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.

"ދެން އޭގެ ފަހުން ވެސް ސުނާމީގެ އިންޒާރުތައް އައި ދެއްތޯ. އެކަމަކު ﷲގެ ރަހުމަތުން އެކަހަލަ ކަމެއް ނުހިނގި ނަމަވެސް އެފަދަ ކަމެއް އުޅެންޏާ މިހާރު ދުރާލައި އިނގޭ ދެއްތޯ،" އެމީހާ ބުންޏެވެ.

ސުނާމީ ކާރިސާ ކުރިމަތިވެގެން ދިޔައިރު އެފަދަ ކާރިސާއެއްގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރާއި މަސްއޫލިއްޔަތު އެކަށައެޅިފައެއް ނެތެވެ. އެންމެ ކުޑަމިނުން އެފަދަ އޮނިގަނޑެއް ވެސް އޭރު ހެދިފައިއެއް ނެތެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް ވިދާޅުވީ، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޕްލޭން ތައްޔާރުކުރުމާއި ތަމްރީން ކުރުމާއި ފަރިތަކުރުން ފަދަ ވަރަށް ގިނަ ޕްރޮގުރާމްތައް ހިންގާފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެ މަސައްކަތް ފުޅާކޮށް ރިސޯޓުތަކުގައި ވެސް އެމަސައްކަތް އެބަ ކުރަން. ރިސޯޓުތަކުގެ މުވައްޒަފުން އެފަދަ ކަންކަމަށް އަހުލުވެރި ކުރުމުގެ ނުވަތަ ރިސޯޓުތަކުން އެމަޖެންސީއަކަށް ތައްޔާރުވުމަށް ނުވަތަ ކާރިސާއަކަށް ތައްޔާރުވުމަށް ޕްލޭންތައް ހެދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ވެސް ކުރަން،" ތަސްނީމް ވިދާޅުވި އެވެ.

މިއީ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. ރައްޔިތުން ވިސްނަންޖެހޭ ކަމަކީ ސަރުކާރަށް ވެސް މިފަދަ ކަންކަމަށް މަސައްކަތް ކުރެވޭނީ "ހުރި ވަސީލަތެއްގެ" ބޭނުން ކޮށްގެން ކަމެވެ.

މިއަދު ވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވެފައިވާ މީހުން މަދެއް ނޫނެވެ. މޫދާއި ކައިރިއަށް ދާއިރަށް އެ ހަނދާންތައް އާވެ އަޑުން އަޑު ނަގާ ރޯ މީހުން މަދެއް ނޫނެވެ.

ސުނާމީ ކާރިސާ ފަދަ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އިންފްރާސްޓަރަކްޗަރ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ސޭފް ޝެލްޓާސްގެ ގޮތުގައި ރާއްޖޭގައި ހެދިފައި ވަނީ "އިނލިތަކުން ގުނާލެވޭ ވަރުގެ މަދު" ރަށްތަކެކެވެ. އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ތަސްނީމް ވިދާޅުވި އެވެ. ތަސްނީމް ވިދާޅުވީ ރައްކާތެރި ސަރަހައްދެއް ނުވަތަ ތަނެއް ހަދަން ބަލާ އިރު އެފަދަ ތަނެއް ކޮންމެ ރަށެއްގައި ގާއިމް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މިހާރު އެތަނަކީ ވަކި އުސޫލެއްގެ ތަނަކަށް ވާންޖެހޭ. އެއީ ފައުންޑޭޝަން ވަރަށް ވަރުގަދަ ވާންޖެހޭނެ. އަދި ފެން ރައްކާކޮށް ކެއުން ބުއިމާ ފާހާނާ ކުރުމުގެ ނިޒާމް ވަރަށް ބައިވަރު މީހުންނަށް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެ. އަދި ކޮމިއުނިކޭޝަން ކުރެވޭނެ ނިޒާމް ވެސް ގާއިމްކުރެވިފައި އެތަނުގައި ހުންނަންޖެހޭނެ. އެކަހަލަ ތަނެއް ރައްކާތެރި ސަރަހައްދެކޭ އަޅުގަނޑުމެން މި ކިއަނީ،" އޭނާ ވިދާޅުވި އެވެ.

މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ހަދާފައި ހުންނަންޖެހޭނެ ތަންތަން ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމް ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ރާއްޖޭގައި މިސްކިތްތަކާއި ސުކޫލްތަކަކީ ރަނގަޅު ފެންވަރެއްގައި، ވަރުގަދަ ފައުންޑޭޝަނަކާއި އެކު ހެދިފައިވާ ތަންތަނެވެ. އެހެންނަވަމެސް މިފަދައިން ވަރުގަދަކޮށް ހަދާފައިވާ ތަންތަން ނެތް ރަށްރަށް ވެސް ރާއްޖޭގައި އެބަހުއްޓެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ 2005 ވަނަ އަހަރު މި މަސައްކަތްތައް ފެށި އިރުވެސް އާބާދީ މަދު ރަށްތަކަށް ބަލައިގެން މަސައްކަތް ފެއްޓީ ވެސް. ދެން އަޅުގަނޑުމެން ރަށްތައް ނަގާ ގޮތްތައްވެސް ހުރޭ. އަޅުގަނޑުމެން ހަދާފައި ހުންނާނެ ރިސްކު ޕްރޮފައިލެއް. އެ ރިސްކު ޕްރޮފައިލް އެކި ރަށްރަށް ކެޓަގަރައިޒްކޮށްފައި ރާއްޖޭގެ ނާޒުކު ރަށްތައް ކަނޑައަޅާފައި ހުންނާނެ." ތަސްނީމް ވިދާޅުވި އެވެ.

ދެން އޮތީ މިފަދަ ކާރިސާތަކަށް އާންމުން ހޭލުންތެރި ކުރުވާ ވާހަކައެވެ. އެފަދަ ކަމަކަށް އާންމުން ހޭލުންތެރިކުރެވިފައި ތިބި ނަމަ 2004 ވަނަ އަހަރުގެ ސުނާމީ ފަދަ ކާރިސާއެއް ކުރިމަތިވުމުން އަމަލު ކުރާނެ ގޮތް އެނގިގެން ދިޔައީހެވެ. ތަސްނީމް ވިދާޅުވީ އެބޭފުޅުންގެ އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ކާރިސާތަކަށް އާންމުން ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. މީގެ 10 އަހަރު ކުރިން އަޅުގަނޑުމެން އަތުގައި ސުނާމީގެ އިންޒާރުދޭ ނިޒާމް ފަދަ ވަސީލަތްތައް ހުރި ނަމަ ރައްޔިތުންނަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދެވުނީހެވެ. އެހެންކަމުން ގައުމު މިއަދު އޮތީ އެފަދަ ހާލަތަކަށް ތައްޔާރަށްތޯ އެއީ ރައްޔިތުން މިހާރު އެނގެން ބޭނުންވާނެ ކަމެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ، މިވީ ދިހަ އަހަރު ދުވަހުގެ ތެރޭގައި ގުދުރަތީ ކާރިސާއަކުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ގައުމު ތައްޔާރުވެފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ސުނާމީއާއި ބިންހެލުންފަދަ ކަންކަން ބެލުމުގެ ގާބިލްކަން އޭރު ރާއްޖޭގައި ނެތް ކަމަށެވެ.

"ދެހާސް ހަތް ވަނަ އަހަރު ބިން ހެލުން ބެލޭނެ ފަދަ ނިޒާމް ގާއިމްކޮށް ދުނިޔޭގެ ވިއުގަޔާ އަޅުގަނޑުމެން ވާނީ ގުޅާލާފައި. އަދި 2004 ވަނަ އަހަރުގެ ފަހުން ސުނާމީ އުފެދުނު ގާތްގަނޑަކަށް ހަތަރު ވަރަކަށް ބިންހެލުން އަތުވެއްޖެ. އެހެންނަމަވެސް އިންޑިއާ ކަނޑުގެ ގައުމުތަކަށް އެކަމުގެ މާބޮޑެތި އަސަރުތަކެއް ނުކުރެ. ދެން މީގެން ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެން ދުރާލާ ވާނީ އިންޒާރުދީފައި." ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ހަމަގައިމު ވެސް އަޅުގަނޑުމެންނަށް ބިންހެލުމެއް އައިސްފި ނަމަ އެކަން އިނގޭވަރުގެ ގާބިލްކަން އެބަހުއްޓެވެ. އަދި ސުނާމީއެއް އުފެދުމުން އެކަންވެސް އެނގޭވަރުގެ ގާބިލްކަން އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓެވެ. މިއީ މިފަދަ ކާރިސާތަކަށް އަޅުގަނޑުމެން ތައްޔާރުވެފައިވާ މިންވަރެވެ.

ގުދުރަތީ މިފަދަ ކަންކަމަކީ ހުއްޓުވޭނެ ކަންކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީ އެކަމުން ސަލާމަތްވާނެ ގޮތްތައް ބުނެދީފައިވާ ނަމަ ގިނަ ފުރާނަތަކެއް ނެތި ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ސުނާމީ ކާރިސާއަށް ފަހު މާލިއްޔަތު ތަންދިން މިންވަރަކުން އެފަދަ ކަންކަމަށް މީހުން އަހުލުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުނާމީ ކާރިސާއިން ލިބުނު ތަޖުރިބާގެ އަލީގައި ކުރިމަގުގައި ކުރިމަތިވެދާނެ ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް އެފަދަ ކާރިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލައި ރޭވުންތަކެއް ރޭވުން މުހިއްމެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ މިއަދު ކޮންމެހެން ބޭނުންކަމެއްކަމެކެވެ. އަދި ކާރިސާތަކުގައި އަމަލު ކުރަންވީގޮތުގެ އާންމު އުޞޫލުތައް ތައްޔާރުކުރުމާއި، މިދާއިރާއާ ސީދާގޮތެއްގައި ގުޅުން ހުރި ހުރިހައި ދާއިރާތަކެއްގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އެނގި ގައުމީ ފެންވަރުގައި ވިލަރެސް ކުރެވި ދެމެހެއްޓޭނެ ނިޒާމެއް އަވަސްގޮތެއްގައި ގާއިމު ކުރަންޖެހެ އެވެ.