އަންނަ މަހު ލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސާގެ ސޯޝަލް މީޑިއާ ކެމްޕޭން ހިންގައި ދިނުމަށް އިންޑިއާގެ އައިޓީ އެކްސްޕާޓެއްގެ އެހީ އަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

ކޮލަމްބޯގެ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ހިންދޫ ނޫހުން އިއްޔެ ބުނީ ސްރީލަންކާގެ ރައީސްގެ ކެމްޕޭން ޓީމުން އެދިފައި ވަނީ އިންޑިއާގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ބޮޑުވަޒީރު ނެރަންދުރަ މޯދީގެ ސޯޝަލް މީޑިއާ ކެމްޕޭން ހިންގެވި އާރުކާޓީ އަރުވިންދު ގުޕްތާގެ އެހީ އަށް ކަމަށެވެ.

ހިންދޫ ނޫހުން ބުނީ އެފަދަ ކަމަކަށް އެދުނުކަން އަރުވިން ފުރަތަމަ އެއްބަސްވި ކަމަށެވެ. އަދި އޭނާއާ ހަވާލާދީ ބުނީ އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރުމުގައި އެ މީހުންގެ ދައުރު ބޮޑުކަން މީހުންނަށް އެނގޭނެ ކަމަށާއި އަދި އޭގެ ފަހުން ވެސް އިންތިހާބަކަށް ފަހު އިންތިހާބެއް ކާމިޔާބު ކުރަމުން އަންނަ ކަމަށެވެ. އޭނާ ލަންކާގެ އެފަދަ ކަމެއްގައި ބައިވެރިވާނެތޯ އެހުމުން ބުނީ އެފަދަ ވާހަކައެއް އަޑުއެހުމުން ވަރަށް އުނދަގޫ ވެއްޖެ ކަމަށާއި އިންކާރު ކުރާ ކަމަށެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ އެ ކެމްޕޭންގެ އައިޓީ މަސައްކަތް ކުރާ އަމިއްލަ ފަރުދުންގެ ނަންތައް ހާމަކުރުމަށް މަސްދަރުތަކުން އިއުތިރާޒު ކުރާ ކަމަށާއި ނަމަވެސް ރައީސް ރާޖަޕަކްސާގެ ކެމްޕޭންގައި އެފަދަ މީހުން މަސައްކަތް ކުރާ ކަމަށެވެ.

"އެކަމަކު ރައީސް ރާޖަޕަކްސާގެ ކެމްޕޭންގައި ސްރީލަންކާގެ އައިޓީ އެކްސްޕާޓުންނާއި އަދި އެ ނޫން ގައުމުތަކުގެ އައިޓީ މީހުން އަންނަނީ މަސައްކަތް ކުރަމުން. އެއް ބަޔަކު މަސައްކަތް ކުރަނީ ހިލޭ ސާބަހަށް އަަނެއް ބަޔަކަށް އަގުދީގެން،" ހިންދޫ އިން ބުންޏެވެ.

އަރުވިން ނޮވެމްބަރު މަހު ކޮލަމްބޯ އަށް ޒިޔާރަތް ކުރި އެވެ. އަދި ދިއްލީގެ މަސްދަރުތަކާ ހަވާލާދީ ނޫހުން ބުނީ ފަހަރުގައި އޭނާގެ އަމިއްލަ ހައިސިއްޔަތުން ސްރީލަންކާގެ ރައީސްގެ ކެމްޕޭން ޓީމަށް ލަފާދިނުން އެކަށީގެންވާ ކަމަށެވެ.

އޭނާ ކޮލަމްބޯ އަށް ޒިޔާރަތް ކުރިންތޯ ނޫހުން އެހުމުން އޭނާ ބުނީ އޭއީ އެއްވެސް މީހަކާ ބެހޭ ކަމެެއް ނޫން ކަމަށެވެ. އަދި ސްރީލަންކާގެ އެއްވެސް ފަރާތަކުން ކެމްޕޭން އަށް އެހީވުމަށް އެދުނުތޯ އެހުމުން ބުނީ "އެއްވެސް ޕާޓީއަކުން އަދި ޕްލެޓް ފޯމަކުން ހުށަނާޅާ" ކަމަށެވެ.

އެ ނޫހުން ބުނީ ރައީސް ރާޖަޕަކްސާގެ އޮންލައިން ކެމްޕޭން މެޓީރިއަލްތަކަށް މީހުންގެ މަގުބޫލުކަން ހޯދާފައިވާ ކަމަށެވެ.