ރޭގެ މެޗުގައި އާސަނަލްގެ އޮލީވިއާ ޖެރޫ ކުރީ ފައުލަށް އޭނާ މައާފަށް އެދިއްޖެ ކަމަށް އާސަނަލްގެ ކޯޗް އާސަން ވެންގާ ބުނެފި އެވެ.

ރޭގެ މެޗުގެ ބޯޅަ ހިފައްޓަން އުޅުމުގެ ތެރޭގައި ކިއުޕީއާރްގެ ކުޅުންތެރިއަކު އޭނާ ވައްޓާލުމުން، ޖިރޫ ވަނީ ތެދުވެ އެ ކުޅުންތެރިޔާގެ މޫނުމަތީ ބޮލުން ޖެހުމަށްފަހު އޭނާ ވައްޓާލާފަ އެވެ. ވެންގާ ބުނީ ޖިރޫއަށް މެޗުގައި އެކަން ކުރެވުމުން އޭނާ ފަހުން އެކަމަށް މައާފަށް އެދިފައިވާ ކަމަށާއި އޭނާ އެފަދަ ކަމެއް ދަވަނަ ފަހަރަށް ނުކުރާނެ ކަމަށް ވެންގާ ޔަގީން ކުރާ ކަމަށެވެ.

"ރޭގެ މެޗުގައި ޖިރޫ ކުރި ފައުލަށް އޭނާއަށް ރަތް ކާޑެއް ދައްކަން ހައްގު. ނަމަވެސް އޭނާ މިހާރު ވަނީ އެކަމަށް މައާފަށް އެދިފައި. އަހަރެން އޭނާ ވަރަށް ރަނގަޅަށް ދަންނަން. އޭނާ ދެން އެފަދަ ކަމެއް ކޮށްފާނެހެނެއް ހިއެއް ނުވޭ،" ވެންގާ ބުންޏެވެ.

އެ ފައުލާ އެކު ޖިރޫއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލެވިފައިވާ އިރު، އެ ފައުލްގެ ސަބަބުން އޭނާ އަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނެއް ވެސް ލިބިފަ އެވެ. ވެންގާ ބުނީ ކިއުޕީއާރްގެ ކުޅުންތެރިޔާ އޭނާ ކޮށްޕާލި ކަމަށް ޖިރޫ ބުނި ކަމަށާއި މިފަހަރު ޖިރޫއަށް އެފަދަ ގޮތަކަށް ކަންތައް ކުރެވުނަސް ޖިރޫއަކީ އާންމު ގޮތެއްގައި އޭނާގެ ރުޅި މައިތިރި ކުރާ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ޖިރޫ މެޗުގައި އަނެއް ކުޅުންތެރިޔާގެ ގައިގާ ގަސްދުގައި ޖެހި ކަމަށާއި، އެއީ އޭނާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވެންގާ ބުންޏެވެ.

އިންގްލޭންޑުގެ ކުރީގެ ސްޓްރައިކަރު އެލެން ޝިއަރާ ބުނީ ޖިރޫ މެޗުގައި ރުޅި އައީ ރަނގަޅު ސަބަބަކާއި ހުރެ ކަމަށް ވިއަސް އޭނާގެ އަމަލަކީ އެ ފެންވަރުގެ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަމަލެއް ކަމަށެވެ.

"އެއީ އޭނާ ވަރަށް ނުވިސްނާ ކުރި ކަމެއް. އާސަނަލް އޮތީ މެޗުގައި ލީޑު ހޯދާފަ. މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ އޭނާގެ ޓީމުން. އެ ހާލަތުގައި އެފަދަ ފައުލެއް ކޮށްގެން ކާޑެއް ހޯދުމަކީ ވަރަށް ނުވިސްނޭ މީހަކު ކުރާނެ ކަމެއް. މި ސީޒަންގައި އިންޖަރީގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް މިސްވި. އަނެއްކާ އެ ކާޑުގެ ސަބަބުން އޭނާ ޖެހޭނީ ތިން މެޗު ނުކުޅެ ހުންނަން،" ޝިއަރާ ބުންޏެވެ.

ޖިރޫގެ ކާޑާއެކު މެޗުގެ ދެވަނަ ހާފްގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު އާސަނަލް ކުޅެފައި ވި ނަމަވެސް، އެ ޓީމް ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، އެ މެޗުން ތިން ޕޮއިންޓު ހޯދާފަ އެވެ. ނަމަވެސް ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކިއުޕީއާރްވެސް މެޗުގައި ލަނޑެއް ކާމިޔާބު ކުރުމުން، މެޗުގެ ފަހު ވަގުތުކޮޅު އާސަނަލްގެ ކުޅުންތެރިން ތިބީ ހާސްވެފައި ކަމަށް އެ ޓީމްގެ ކޯޗް ވެންގާ ބުންޏެވެ.

"ފަހު ވަގުތުކޮޅު ކުޅުންތެރިން ތިބީ ހާސްވެފައި. އަހަރުމެން ކުޅޭ ގޭމް ވަރަށް ބޮޑަށް ކުޅުންތެރިންގެ ވިސްނުމާއި މެންޓަލިޓީއަށް ބަރޯސާވޭ. މެޗުގެ ފަހު ވަގުތު ރަނގަޅު ލީޑެއް ނެގުން އެއީ ހުރިހާ ކުޅުންތެރިންވެސް ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ނަމަވެސް އެމެޗުން އާސަނަލްއަށް ތިން ޕޮއިންޓް ވަނީ ލިބިފައި. އަދި އާސަނަލްއާ އެކު އަހަރެންގެ 400 ވަނަ ކާމިޔާބީ ވެސް ރޭ ވަނީ ލިބިފައި. ފެންނަ ފެނުމަށް އެ ކާމިޔާބީއަކީ ފަސޭހަ ކާމިޔާބީއެއްހެން ހީވިއަށް އެއީ އެހާ ފަސޭހަ މެޗެއް ނޫން. ނަމަވެސް މެޗުން މޮޅުވި ކަމަށްޓަކާ އަހަރެން އުފާ ކުރަން." ވެންގާ ބުންޏެވެ.