27 Dec 2014, 09:41
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އާސަނަލް 2-1ގެ ނަތީޖާއަކުން ކުއީންސް ޕާކް ރޭންޖާސްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ޑޮމިނޭޓް ކޮށްފައި ވަނީ އާސަނަލް އެވެ. ނަމަވެސް މެޗުގެ ލީޑު ނަގަން ލިބުނު އެންމެ ފުރަތަމަ ފުރުސަތުގެ ބޭނުން އެ ޓީމަށް ވަނީ ހިފޭގޮތް ނުވެފަ އެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އާސަނަލް އަށް ޕެނަލްޓީއެއް ލަިބިގެން ދިޔަ އިރު، އެ ޓީމްގެ އެލެކްސިސް ސަންޗޭޒް ޖެހި ޕެނަލްޓީ ކިއުޕީއާރްގެ ކީޕަރު ރޮބާޓް ގްރީން ވަނީ ދިފާއުކޮށްފަ އެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފި ދިޔަ ކަމުގައި ވިޔަސް އެ ޕެނަލްޓީ އަށް ފަހު ވެސް އާސަނަލް ވަނީ ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.
މެޗުގައި އާސަނަލްގެ މަސައްކަތަށް ކާމިޔާބީއެއް ލިބިފައި ވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށެވެ. މެޗުގެ 37 ވަނަ މިނެޓުގައި އާސަނަލްގެ ގިބްސް ނަގައިދިން ރީތި ބޯޅައަކުން އާސަނަލްއަށް މެޗުގެ ލީޑު ހޯދަދިނީ އެ ޓީމްގެ އެލެކްސިސް ސަންޗޭޒް އެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތުކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ފުރަތަމަ ހާފާ ނިމިގެން ގޮސްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފް އާސަނަލް ފެށީ ރަތް ކާޑަކާއި އެކީ އެވެ. ދެވަނަ ހާފްގެ އަށްވަނަ މިނެޓުގައި އާސަނަލްގެ އޮލީވިއާ ޖިރޫ ކިއުޕީއާރްގެ އޮނޯހާ ކޮށްޕާ ވައްޓާލުމުގެ ސަބަބުން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އޭގެ 12 މިނެޓު ފަހުން އާސަނަލް ވަނީ މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑު ފުޅާކޮށްލާފަ އެވެ. މެޗުގެ 65ވަނަ މިނެޓުގައި އާސަނަލްއަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަންޗޭޒް ދިން ރީތި ޕާހަކުން އެ ޓީމްގެ ޓޯމަސް ރޮސައިކައި އެވެ.
މެޗުގައި ކިއުޕީއާރްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި އާސަނަލްގެ ޑެބޫޗީ ކިއުޕީއާރްގެ ހޮއިލެޓަށް ކުރި ފައުލެއްގެ ސަބަބުން ކިއުޕީއާރްއަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގައި ކިއުޕީއާރްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޗާލީ އޮސްޓިން އެވެ. އެ ލަނޑާ އެކު ކިއުޕީއާރް ރަނގަޅު ކައުންޓާ އެތޭކްތަކެއް އުފައްދާ، މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް، މެޗު ނިމިގެން ގޮސްފައި ވަނީ އެއް ލަނޑުގެ ތަފާތަކުން އާސަނަލް ކުރީގައި އޮވެގެނެވެ.
އެ މެޗުގެ ތިން ޕޮއިންޓާ އެކު ޕްރިމިއާ ލީގް ތާވަލްގެ ހަ ވަނައަށް އާސަނަލް ޖެހިލާފައިވާ އިރު، އެ ޓީމް މިހާތަނަށް ލީގުގައިވަނީ މުޅިއަކު 30 ޕޮއިންޓު ހޯދާފަ އެވެ. މިފަހަރުގެ ސީޒަންގައި އާސަނަލްއަށް ފަސޭހަ މެޗުތަކަކުން ނާކާމިޔާބީތަކެއް ލިބިފައި ވިނަމަވެސް، އެންމެ ފަހުން އެ ޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެ ޓީމް ވަނީ ކާމިޔާބުކޮށްފަ އެވެ.