27 Dec 2014, 09:37
ފ. ނިލަންދޫގައި މިހާރު ކުރިއަށްދާ ޒޯން ފަހެއްެގެ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، ނިލަންދޫ ޖަމިއްޔަތުއް ޝަބާބް މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.
އިއްޔެ ހަވީރު ނިލަންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ނިލަންދޫ ޓީމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގަ އެ ޓީމާ ދެކޮޅަށް ވާދަކުރީ ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މެޗުގައި ނިލަންދޫ ޓީމް ކާމިޔާބުކުރި ތިން ލަނޑުވެސް އެ ޓީމް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގަ އެވެ.
މެޗު ފެށިތާ ކުޑަ އިރުކޮޅެއް ތެރޭ ނިލަންދޫ ޖަމިއްޔަތުއް ޝަބާބަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ މެޗުގައި އެ ޓީމަށް ލީޑު ހޯދަދިނީ އެ ޓީމްގެ އާދިލް އެވެ. އަދި އޭގެ ވަގުތުކޮޅެއް ފަހުން ނިލަންދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމްގެ ލީޑް ފުޅާ ކޮށްދިނީ ނިލަންދޫ ޓީމްގެ އަބްދުލް ޣަނީ އެވެ. މެޗުގައި ނިލަންދޫ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޭނާ އެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ނިލަންދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމްގެ އަބްދުލް ޣަނީ އަލީ އެވެ. މެޗަށް ފަހު މޮޅު ކުޅުންތެރިޔާ އަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރު އަހުމަދު ރަމީޒް މޫސާ އެވެ.
މުޅިއަކު ހަ ޓީމެއް ވާދަކުރާ ޒޯން ފަހެއްގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެން ހަމަޖެހިފައިވާ އިރު، ނިލަންދޫ ޖަމިއްޔަތުއް ޝަބާބް ވަނީ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ. އަދި އިއްޔެގެ ކާމިޔާބީއާއެކު މިހާރު އެ ޓީމަށް ގްރޫޕް ސްޓޭޖުގައި މުޅިއަކު ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެ މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކީ ނިލަންދޫ ޓީމެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ފަހެއްގެ މުބާރާތުގައި ވާދަ ކުރާ ޓީމްތަކަކީ މ. އަތޮޅުގައި ބޭއްވި އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ދ. އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް އަދި މ. އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.