27 Dec 2014, 09:22
މުހައްމަދު އާދަމް، 32، އަކީ ގއ. ދާންދޫއަށް އުފަން ރައްޔިތެކެވެ. އުފާވެރިކަމާ އެކު އަށް މެންބަރުންގެ އާއިލާއެއްގެ ދެ ވަނަ އެންމެ ދޮށްޓަށް ހުރި އާދަމަށް އެ ދުވަކީ ހިތާމަވެރި ދުވަހެކެވެ. ބިރުވެރިކަމާ ނާމާންކަމުގެ ވަގުތެކެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކޮޅަށް ނެގި ގެގަނޑު ފުޑުފުޑުވީ އެވެ. ދެކެމުންދިޔަ ހުވަފެންތައް އޮޔާލާ ދިޔައީ އެވެ. އަދިވެސް އާދަމްގެ ހަނދާނުގައި އެ ދުވަހުގެ ތަސްވީރުތައް އާވެ އެވެ.
އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ އަށް އެރި ސުނާމީ ކާރިސާގެ ހަނދާންތަކެވެ. ކާރިސާގައި އާއިލާގެ މެންބަރަކު މަރުވި ނުވި ނަމަވެސް، ވަންނާނެ ގެއެއް ނެތި، ބިކަވި އެވެ. ސުނާމީއަށް ފަހު އޭނާ ދިރިއުޅުނު ހާލު 'ސަން' އާ ހިއްސާކުރީ އަސަރާއެކު އެވެ.
"އަޅުނގަޑުމެންގެ އާއިލާގައި އަށް މެންބަރުން ތިބޭ. ވަގުތީ ހިޔާގައި އިންނަނީ ތިން ކޮޓަރި. އެއް ފާހާނަ. އެންމެން ބޭނުންކުރަން ޖެހެނީ އެއް ނަރުދަމާއެއް. ފެންވަރަށް ބޭނުން ކުރި ފެނަކީ ކަމުދާ ފެނެއް ނޫން. ވަގުތީ ހިޔާ ހަދާފައި ހުންނަނީ ފްލައިވުޑުން. ވައި ދައުރުވާން އިންނަނީ އެންމެ ފަރާތަކުން. ފްލައިވުޑުން ހަދާފަ ހުންނާތީ ވަރަށް ހޫނުވޭ. ފަނިފަކްސާ އަޅާ ގޭތެރޭ މީދަލާ ސޫފާސޫފި އެއްޗެހި އުޅޭ. ވަރަށް ހާލުގަ އުޅުނީ،" އާދަމް ކިޔައިދިނެވެ.
މިއީ ސުނާމީގައި މަގުމަތިވެ ގެދޮރު ގެއްލުނު އާއިލާއެއް 10 އަހަރު ވަންދެން އުޅުނު ތަނެއްގަ ހާލަތެވެ. އުޅެމުންދިޔަ ދަތި އުނދަގޫ ދިރިއުޅުމުގެ ވާހަކަ އެވެ. ސުނާމީ އަށް ފަހު ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުން ހުރީ މިހެންނެވެ. އާއިލާ އާއި ގާތްތިމާގެ އެތައް ބަޔަކު މި ދުނިޔެއާ އަލްވަދާއު ކިޔެވެ. އެތައް އަސާސީ ހިދުމަތްތަކަކުން މަހުރޫމްވި އެވެ. ބައެއް އާއިލާތައް ރޫޅިގެން ވެސް ދިޔަ އެވެ. އެތައް ބަޔަކު ނަފްސާނީ ބަލީގެ ޝިކާރައަކަށްވި އެވެ. އަދިވެސް އެ ކަމުގެ ބިރުވެރިކަން އެ ދުވަހުގެ މަންޒަރުތައް ފެނުނު މީހުންގެ ހިތްތަކުން ނުފިލަ އެވެ. ނުވެސް ފިލާނެ އެވެ.
ސުނާމީ ކާރިސާގެ އަސަރު ރާއްޖޭގެ ނުވަ ރަށް ނޫން އެހެން ހުރިހާ ރަށަކަށް ކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު ރަށެއް އެއްކޮށް ވީރާނާވެގެން ދިޔަ އެވެ. ނަމަވެސް ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން އަޅައިދީފައިވާ ދާއިމީ ގެތަކުގެ ސަބަބުން، މިއަދު އެ އާއިލާތަކަށް ވަނީ ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެއްހުމެއް ގެނުވާފަ އެވެ. އެތަށް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހު ނިމުމެއް ލިބިފަ އެވެ. ހަޔާތުގެ ބާކީ ބައި ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއް އާވެފަ އެވެ.
އެގޮތުން، ތ. މަޑިފުށީގައި ހަދަމުން ދިޔަ 41 ގޭގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ގއ. ދާންދޫގައި ހަދަމުން ދިޔަ 87 ގޭގެ ތެރެއިން 86 ގޭގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ގއ. ނިލަންދޫގައި 50 ގޭ ތެރެއިން 45 ގެ އަދި ގއ. ވިލިނގިލީގައި 77 ގޭގެ ތެރެއިން 59 ގޭގެ މަސައްކަތް ނިމިފައިވާއިރު، ގއ. މާމެންދޫގައި ހަދަމުން ދިޔަ 84 ގޭގެ ތެރެއިން 51 ގޭގެ މަސައްކަތް ނިއްމާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ސުނާމީގައި ގެދޮރު ގެއްލި 10 އަހަރުވަންދެން ވަގުތީ ހިޔާގެ "ވޭނުގައި" އުޅުމަށްފަހު މިހާރު ދާއިމީ ބޯހިޔާވަހިކަމެއްގެ ހިތްހަމަޖެހުން ލިބިފައިވާ މީހުންގެ ތެރެއިންއެކަކީ ގއ. މާމެންދޫގެ ކެޔޮޅެއް ކަމަށްވާ މުހައްމަދު އާދަމް، 57، އެވެ. އޭނާ ބުނާ ގޮތުން ދާއިމީ ހިޔާތަކުގެ ގެ ތަކުގައި ކޮށްފައިވާ މަސައްކަތްތައް ފުރިހަމަ ނޫން ނަމަވެސް ގެ ލިބުނީތީ އުފާވެ އެވެ. އެކަމަށްޓަކާ މާތްﷲ އަށް ޝުކުރުއަދާ ކުރާ ހާލުގަ އެވެ.
"ވަގުތީ ހިޔާއަކީ ހަމަ ކުޑަ ވަރެއްގެ ޖަލެއް. އެހާމެ ހޫނުގަ އެއް ކުއްޖެއްގެ ގައިމަތީގައި އަނެއް ކުއްޖަކު އޮވެގެން ނިދި ދުވަސްތައް ދޫކޮށް ހަމަޖެހިގެން އުޅެވޭނެ ގެއެއް ލިބުނީމަ ވަރަށް އުފާވެއްޖެ. އަމިއްލަ ގެދޮރަށް އާދެވުނު ކަހަލަ. ވަރަށް ހިތްހަމަ ޖެހިއްޖެ،" ދިހަ ކުދިންގެ ބައްޕަ މުހައްމަދު އާދަމް ބުންޏެވެ.
ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސުނާމީ އަށް 10 އަހަރު ފުރޭއިރު ބައެއް އާއިލާތަކަށް ދާއިމީ ހިޔާވަހިކަން ނުލިބި ތިބެން ޖެހުމަކީ ސަރުކާރުގެ އިހުމާލު އޮތް ކަމެއް ކަމަށާއި އެކަމުން "ރެކެވޭނެ" ގޮތެއް ވެސް ނެތް ކަމަށެވެ.
"ގެތައް ނުނިމި ދިގުލައިގެން ދިޔައީ ވޭތުވެދިޔަ ދުވަސްތަކުގައި އެ ޕްރޮޖެކްޓްތައް މެނޭޖްކުރި ގޮތުން ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު މިހާރު ނުހުންނާނެ" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ދާއިމީ ހިޔާވަހިކަން ލިބުނު ނަމަވެސް، އަދިވެސް އެ މީހުން ކުރަމުންދާ އުއްމީދުތަކެއް އެބަހުއްޓެވެ. ދިރިއުޅުން ކުރިއެކޭ އެއްގޮތަށް އިޔާދު ކުރަން ބޭނުންވެ އެވެ. އެކަމަށްޓަކާ މާލީ އެހީތެރިކަން ބޭނުންވެ އެވެ.
މަސްވެރި އާއިލާއެއް ކެޔޮޅު، މުހައްމަދު އާދަމް ބުނީ ގޮތުގައި ސުނާމީ ކާރިސާގައި އޭނާއަށް ހަތަރު ލައްކަ ރުފިޔާގެ ގެއްލުމެއް ލިބުނެވެ. ނަމަވެސް އެކަމުން އަރައިގަތުމުގެ ގާބިލު ކަމެއް މިއަދު އާދަމްބެގެ ގަޔަކު ނެތެވެ.
"އެ މަސައްކަތް އަލުން ކުރަން ބޭނުން. އެކަމަކު އެކަމަކީ މިހާރު މިލިއަނަރަކަށް ނޫނީ ނުވާނެ ކަމެއް. ސަރުކާރުގެ ފަރާތުން ނުވަތަ އަމިއްލަ ފަރާތަކުން ވެސް މާލީ އެހީތެރިކަމެއް ލިބިއްޖެ ނަމަ އެކަން އުފަލަކާ އެކު ބަލައިގަންނާނަން،" ވިޔަފާރިއަލުން ކޮޅަށް ނެގުމުގެ އުއްމީދުގައި ހުރި އާދަމްބެ ބުންޏެވެ.