ސައުދީ އިންވެސްޓަރުންނާ މުހާތަބުކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތައް ބައެއް މީޑިއާތަކުން ލިޔެފައި ވަނީ އޮޅުވާލައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން މުއާޒު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއާގެ ވިޔަފާރި ވަފުދަށް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅު، އައްމު ރައްޔިތުންނަށް އޮޅޭގޮތަށް ދިވެހިރާއްޖޭގެ ހަބަރުފަތުރާ ބައެއް ވަސީލަތްތަކުން ހަބަރު ފަތުރާފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ އިންތިކާއި މިންތަކުގެ ތެރޭގައި ނޫސްވެރިކަން ކުރެއްވުމަށް، ހަބަރު ފަތުރަމުންދާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައި ވެއެވެ.

"މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 'ސުވަރުގެއަށް ދާން ބޭނުންނަމަ، ސުވަރުގެ ފަދަ ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ކަމަށް' ބުނެ، ދުވަހު ނޫސް ހަވީރުގައި 25 ޑިސެމްބަރު 2014 ގައި ޝާއިއުކޮށްފައި އެވާ ލިޔުމަކީ، ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅު އާއްމު ރައްޔިތުންނަށް އޮޅޭގޮތަށް، މި ސައްތައިން ސައްތަ މުސްލިމު ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް ކަމުގައި، ނުވަތަ ނޫސްވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް ރަނގަޅަށް އެނގިވަޑައިނުގެން ލިޔުއްވާފައިވާ ލިޔުއްވުމެއް ކަމުގައި ދެކެމެވެ." ރައީސް އޮފީހުގެ ތަރުޖަމާނު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި މައިގަނޑު މަފްޙޫމަކީ ދިވެހިރާއްޖެއަށް ޤުދުރަތީ ގޮތުން ދެއްވާފައިވާ ރީތިކަމާއި، އެރީތިކަން މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެފައިވަނީ 'ދުނިޔެމަތީގެ ސުވަރުގެ' ގޮތުގައި ކަމަށްވުމުން، ރާއްޖޭގެ ރީތިކަމުގެ ތެރޭގައި އެފަރާތްތަކުގެ ވިޔާފާރީގެ ފުރުސަތުތައް ހިއްސާކުރެއްވުމަށް ދައުވަތު އެރުވުން ކަމުގައި ވަރަށް ސާފުކޮށް އެނގި ހާމަވާކަމަށް ބަޔާނުގައި ވެއެވެ.

ނޫސްވެރިކަމުގެ މަސްޢޫލިއްޔަތަކީ މުޖުތަމައު ފަސާދައިގެ ތެރެއަށް ވައްޓާނުލައި، ނުހަނު އަމާނާތްތެރި ކަމާއެކު އަނެކުންނާ ހަމައަށް ވާސިލުކޮށްދެވޭ މަސްއޫލިއްޔަތަކެއް ކަމަށްވެސް މުއާޒު ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނާ ގުޅުންހުރި ވާހަކަތައް ގެނެސްދިނުމުގައި، އާންމު މުޖުތަމަޢަށް އޮޅުން އަރާގޮތަށް ޚަބަރުފަތުރަމުން ދިޔުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ކިތަންމެ ގިނަ ދުވަސްވީ މުއައްސަސާއަކުން ކުރި ކަމެއް ނަމަވެސް، އެއީ ތަސައްރަފު ފުދޭ ނޫސްވެރިކަމެއްތޯ މިއަދު ސުވާލު އުފެދޭ ކަމަށް މުއާޒުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަކީ މި ސަރުކާރުން، ވަކީން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ނުހަނު އަހައްމިއްޔަތުކަމެއް ދެއްވައި، ކަށަވަރުވެފައި އޮންނަންޖެހޭ ކަމެއްކަމަށް ވާއިރު، އަދި މި ސަރުކާރަކީ ނޫސްވެރިޔާއަށް ފާރަލައި، ނޫސްވެރިޔަކަށް ނުވަތަ ނޫސް އިދާރާއަކަށް ކޯޓުތަކުގައި ދަޢުވާ އުފުލައި، ދަތިކުރުންތަކާ ނުފޫޒު ފޯރުވާ ސަރުކާރެއް ނޫންކަމަށް ވާއިރު، ކުރިއަށް އޮތްތަނުގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށާއި ނޫސްވެރިންގެ ހިމާޔާތާއި ރައްކާތެރިކަމަށް މިސަރުކާރުން އިސްވެ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ." އެ ބަޔާނުގައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، މުޖުތަމަޢު ފަސާދަކުރުމަށާއި، އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ނުވަތަ އޮޅުން އަރާފަދަ ހަބަރު ފެތުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް މިއަދުގެ ސަރުކާރުން މަރުޙަބާ ނުކިޔާނެ ކަމަށެވެ.