04 Feb 2011, 00:40
ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އައްޑޫގައި ސިޓީއެއް ނުހެދޭނެ ކަމަށް ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ސިވިލް ކޯޓުގެ ހުކުމަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން ނިންމާލުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑިޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ސީޓިއެއްގެ ދަރަޖަ ނުދީ އައްޑޫ ރައްޔިތުން ހާލުގައި ޖެއްސުމަކީ އެމްޑީޕީގެ ބާލިމަންޓްރީގުރޫޕަށް ކެއްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އައްޑޫގައި ސީޓީއެއް ނުހެދޭނެ ކަމަށް ބުނާ އެއްވެސް މާދާއެއް ގާނޫނުގައި ނޯންނާނެ ކަމަށެވެ.
މޫސާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން އައްޑުއަކީ ސީޓީއެއްކަން ކަނޑައަޅުއްވައި އިއުލާންކުރައްވާ ކަމަށެވެ.
"އައްޑޫގެ ރައްޔިތުންނަށް އެ ނިކަމެތިކަން ޖައްސަންވީ ބޭނުމަކީ ކޮބައިތޯ. އަޅުގަނޑު މިރޭ އިއުލާން މިކުރަނީ އަޅުގަނޑު ގަބޫލު ކުރާނީ މީގެ ފަހުން އައްޑުއަކީ ސިޓީއެއް ކަމަށް. އަޅުގަނޑުމެންގެ ސިޓީއަކީ އައްޑޫ. އަޅުގަނޑު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މި އިއުލާން މި ކުރަނީ، ބައްލަވާ މި ހިސާބަށް ދިޔައިމަ އިއުލާން ވެސް ކުރެވޭނެ،" ރީކޯ މުސާމަނިކު ވިދާޅުވި އެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނާއި ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ރީކޯ މޫސާ މަނިކު ވިދާޅުވީ ގާނޫނު އަސާސީއަކީ އިދިކޮޅުފަރާތްތަކުން ހެދިއެއްޗެއް ނޫންކަމަށާއި އެއީ ރައްޔިތުން އެތައް ވޭނަކާއި އުނދަގުލެއް ތަހައްމަލުކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ހައްގުތައް ހޯއްދަވައި ދެއްވި ކަމަށް ދައްކަވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
މިރޭގެ އެ ޖަލްސާގައި ރީކޯ މޫސާ މަނިކު ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ޑީއާރުޕީގެ މެންބަރުންނަށް ކެމްޕެއިން ކޮށްދެއްވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މި ސަރުކާރުން ޖިނާއީ މައްސަލައެއްގައި ހައްޔަރު ކުރަންޖެހިއްޖެ މީހަކު ވެސް ހައްޔަރު ކުރާނެ ކަމަށާއި އެކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާ ލެއްވީ ސަރުކާރަށް ދެ އަހަރުވެފައި ވާއިރު ރައްޔިތުންނަށް ކޮށްދެވައިފައި ހުރި ކަންތައް ތަކުގެ މައްޗަށެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް އެތައް ތަނަކުން ކުޑަކުރެވިފައިވާ ކަމަށާއި ހިލޭ ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް މި ސަރުކާރުން ހަމަޖައްސާފައި ވާކަމަށެވެ.
"މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓް ކަމަށްވާ 400 މިލިޔަން ރުފިޔާ 25 މިލިޔަން ރުފިޔާ އަށް ބަދަލުކޮށް ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެފައިސާ ބޭނުންކުރެވެމުން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މި ގައުމު މިހާރު ރީދޫވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ލޯކަލް އިންތިހާބު ފުރިހަމަ އަގުލަބިއްޔަތަކުން ކާމިޔާބުކުރާނީ އެމްޑީޕީން ކަމަށެވެ.