ޓްރެއިލް ބައިކް ލެޖެންޑް ޓޮމް އޮއިލާ ރާއްޖޭގައި ކުރިއަށް ގެންދާ ޓުއާގެ އެންމެ ފަހު ހަރަކާތްތައް މިރޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންގޮސްފި އެވެ.

މިރޭ 8:30 އިން ފެށިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި ޓޮމް އޮއިލާގެ ބައިސްކަލު ސްޓަންޓުތައް ދައްކާލާފައި ވަނީ މިއުޒިކް ޝޯ އަކާއި ނެށުމުގެ ހަރަކާތްތަކަކާއިވެސް އެކީގައެވެ. ޓޮމް އޮއިލާގެ ހުނަރުވެރި ސްޓަންޓުތައް ބަލައިލުމަށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު އެ ސަރަހައްދަށް ގޮސްފައި ވާއިރު، ޓޮމް އޮއިލާ ވަނީ އޭނާގެ އެ ޓުއާގެ ސަބަބުން ރާއްޖޭގައިވެސް އެފަދަ ސްޓަންޓުތައް ހަދާ ފަރާތައް ކުރިއަށް އޮތްތާ ފެނިގެން ދާނެކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.

ޓްރެއިލް ބައިކް ދުއްވުމުގައި ދުނިޔޭގެ ރިކޯޑުވެސް ހަދާފައިވާ ޓޮމް އޮއިލާ ރާއްޖޭގައި ކުރިއަށް ގެންދަން ރޭވި ޓުއާ ފަށާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު ކައިރީ އޭނާގެ ހުނަރުތައް ދައްކާލާފައި ވާއިރު، އެ އިވެންޓަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޓޮމް އޮއިލާ އޭނާގެ ޓްރެއިލް ބައިކިންގެ މޮޅު ސްޓަންޓްތައް ދައްކަމުން ދިޔައިރު އެމަންޒަރު ބެލުމަށް ގިނަ ބަޔަކު އެއްވެފައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޓޮމް ރާއްޖޭގައި ކުރިއަށް ގެންދިޔަ ޓުއާގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ހުނަރުތައް ދައްކާލާފައި ވާއިރު، އޭގެ ތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ އަދި ފޭދޫގެ އިތުރުން ޏ. ފުވައްމުލަކާއި ވިލިމާލެ އަދި ހުޅުމާލެވެސް ހިމެނެއެވެ. ރާއްޖޭގައި ކުރިއަށް ގެންދިޔަ އޭނާގެ ޓުއާ ފެށުމުގެ ކުރިން ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައި ވަނީ ޓްރެއިލް ބައިކް ދުއްވުމުގެ ހުނަރަކީ ހަމައެކަނި މަޖަލަކަށް ނޫނީ ކުޅިވަރަކަށް ބޭނުންކުރެވޭ ހުނަރެއް ނޫން ކަމަށާއި، އެ ހުނަރަކީ މާލެ ފަދަ ކުދި ސިޓީތަކުގައި ވަރަށް ބޭނުންތެރި ހުނަރެއް ކަމަށެވެ. އަދި އޭނާ ވަނީ ރާއްޖޭގައިވެސް ޓްރެއިލް ބައިކް ދުއްވުމަށް ޝައުގުވެރިވެ، އެކަމަށް ހުނަރުވެރި ބަޔަކު އުފެދޭނެ ކަމުގެ އުންމީދު ފާޅުކޮށްފައެވެ.

އުމުރުން 15 އަހަރުގައި ޓްރެެއިލް ބައިކް ދުއްވަން ފެށި ޓޮމް ވަނީ އެ ކުޅިވަރުން މިހާތަނަށް ހަ ފަހަރަށް އޭނާގެ އުފަން ގައުމު ކަމަށްވާ އޮސްޓްރިއާގެ ގައުމީ ޗެންޕިއަންކަން ހޯދާފައެވެ. އަދި 2008 ވަނަ އަހަރު ޓްރެއިލް ބައިކް ދުއްވުމުގައި ދުނިޔޭގެ ޗެންޕިއަންކަންވެސް އޭނާ ހޯދާފައި ވާއިރު، އޭނާ ވަނީ ބައިސްކަލެއްގައި އެންމެ މައްޗަށް ފުންމުމުގެ ދުނިޔޭގެ ރިކޯޑާއި ބައިސްކަލުގައި 400 މީޓަރު ހާޑްލްސް ކަޑައްތު ކުރުމުގެ ރިކޯޑްވެސް ހަދާފައެވެ.

ޓްރެއިލް ބައިކިންގް އަކީ ޚާއްސް ވައްތަރެއްގެ ބައިސްކަލުގައި އާންމުކޮށް ދުއްވައި ނޫޅޭ، ނުވަތަ ދުއްވަން އުނދަގޫ ތަންތަނުގައި ދުއްވުމުގެ ކުޅިވަރަށް ކިޔާ ނަމެކެވެ. ޓްރެއިލް ބައިކަރުންނަކީ ބައިސްކަލު ދުއްވުމުގައި ބައިސްކަލުގައި އިނދެގެން ފުންމުމާއި އެއްފުރޮޅު މަތީގައި ދުއްވުމުގެ އިތުރުން އެކިއެކި ސްޓަންޓުތައް ބައިސްކަލުގައި ހަދަން ވަރަށް ފަރިތަ މީހުނެވެ.