26 Dec 2014, 22:45
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ވެސްޓް ބްރޮމް އަތުން 3-1 ލަނޑުން މޮޅުވެފައިވާ އިރު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ހަމަ އެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް ވެސް ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.
ވެސްޓް ބްރޮމް އަތުން ލިބުނު މޮޅާއެކު 18 މެޗު ކުޅެގެން ޖުމުލަ 42 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް ސިޓީ ވަނީ ލީގު ލީޑަރު ޗެލްސީއާ އެޓީމާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ނިއުކާސަލްގެ މައްޗަށް ހޯދި ކާމިޔާބާއެކު ޔުނައިޓެޑް ވަނީ 35 ޕޮއިންޓާއެކު ތިން ވަނައިގައި ހަމަޖެހިލައިފައެވެ.
މެންޗާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި އެޓީމު މިރޭ ނިއުކާސަލްގެ މައްޗަށް ހޯދި ކާމިޔާބީ އަކީ، ބޮކްސިން ޑޭ (26 ޑިސެމްބަރު) ގައި އެޓީމު ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ.
ޔުނައިޓެޑް ގެ ފުރަތަމަ ދެލަނޑު އެޓީމުގެ ކެޕްޓަން ވޭން ރޫނީ ޖަހައިދިން އިރު ރަޑެމަލް ފަލްކާއޯގެ އެހީތެރި ކަމާއެކު ފުރަތަމަ ލަނޑު ކާމިޔާބުކުރީ 23 ވަނަ މިނިޓްގައެވެ. އަދި ހުއާން މަޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ރޫނީ ކާމިޔާބުކުރީ މެޗުގެ 36 ވަނަ މިނިޓްގައެވެ.
ޔުނައިޓެޑްގެ ތިން ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ ރޫނީ ފަހިކޮށްދިން ބޯޅައަކުން މެޗުގެ 53 ވަނަ މިނިޓްގައި ރޮބިން ވެން ޕަސީ އެވެ. އަދި ނިއުކާސަލްއިން މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޑެމްބާ ސިސޭއެވެ.

ވެސްޓް ބްރޮމްގެ ދަނޑަށް ފައިބަމުން ދިޔަ ސްނޯގެ ތެރޭގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ސީޓީ ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ ނިމިޓްގައި ކާމިޔާބުކުރީ ފާރނެންޑޯއެވެ. އަދި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 13 ވަނަ މިނިޓްގައި ޔާޔާ ޓޫރޭ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކުރި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ތިން ވަނަ ލަނޑު 34 ވަނަ މިނިޓްގައި ޖަހައި ދިނީ ޑޭވިޑް ސިލްވާއެވެ.
ވެސްޓް ބްރޮމްއަށް ސުން ކަނޑުވާލަދިނީ، ފަހު ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ބްރައުން އިޑެޔޭއެވެ.
މި ނަތީޖާ ތަކާއެކު، ސިޓީ އަތުން ބަލިވެ ވެސްޓް ބްރޮމް ވަނީ ޖުމުލަ 17 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ. އަދި ޔުނައިޓެޑް އަތުން ވި ބައްޔާއެކު ނިއުކާސަލް އޮތީ 18 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ބާންލީއާ ދެކޮޅަށް ކުޅެ ލިވަޕޫލް މޮޅުވީ 1-0 ލަނޑުންނެވެ. ކްރިސްޓަލް ޕެލަސް އަތުން 3-1 ލަނޑުން ސައުތެމްޕްޓަން މޮޅުވިއިރު އެވަޓަންގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެ ސްޓޯކް ސިޓީ މޮޅުވީ 1-0 ލަނޑުންނެވެ. ލެސްޓާ އަތުން 1-2 ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު ސަންޑަލޭންޑް އަތުން ހަލް ސިޓީ މޮޅުވީ 3-1 ލަނޑުންނެވެ. އަދި ސްވަންސީ ސިޓީ ވަނީ އެޓީމުގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 1-0 ލަނޑުން މޮޅުވެފައެވެ.
ބޮކްސިން ޑޭގެ އެންމެ ފަހު މެޗުގައި މިރޭ އާސެނަލް ވާދަކުރާނީ ކިއުޕީއާރު އާ ދެކޮޅަށެވެ. އެ މެޗު އެއްވަރު ނުވަތަ އާސެނަލް މޮޅު ވެއްޖެ ނަމަ އެޓީމަށް ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު ލިބޭނެއެވެ.