ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހުރިހާ ދުވަހެއްގައި 22 މެންބަރުން ވަނީ މަޖިލީހަށް ހާޒިރުވެފައެވެ. މި ދައުރުގައި މެންބަރުން މަޖިލީހަށް ހާޒިރުވާން ޖެހެނީ 29 ދުވަހުއެވެ.

މި ދައުރުގައި އެއްވެސް ދުވަހެއް ވައްޓާނުލައި މަޖިލީހަށް ހާޒިރުވެފައި ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުޙައްމަދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އާރިފާ، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިނާއި، ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދާއި، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ޙުސަައިނާއި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި، ތޮއްޑޫދާއިރާގެ މެންބަރު އިބްރާހިމް ހަސަންއާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތޯރިގާއި، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރާއި، ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީނާއި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒުހާނު ފަހުމީއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން އާއި، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު އާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީއާއި، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވެސް ހިމެނެނީ ހުރިހާ ދުވަހަކު ހާޒިރުވި މެންބަރުންގެ ލިސްޓުގައެވެ.

ހަމަ އެހެންމެ، މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މަޖިލީހަށް ހާޒިރު ނުވަނީ މި ދައުރުގެ އެންމެ ދުވަހެއްގައެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު މަޖިލީހުގެ އެޖެންޑާގައި ކުރިއަށް ގެންގޮސްފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލައެވެ. އެދުވަހު މޫސަ ހުއްނެވީ ސަލާމުގައެވެ.

މިއަހަރު ތިންވަނަ ދައުރުގެ ހުރިހާ ދުވަހެއްގައި ހާޒިރުވި 22 މެންބަރުންގެ ތެރޭގައި ގިނައީ ޕީޕީއެމްގެ މެންބަރުންނެވެ.