ވެސްޓްހޭމް ޔުނައިޓެޑް އަތުން ފަސޭހަ ކަމާއެކު 2-0 ލަނޑުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި ފިޔަޖަހަމުންދާ ޗެލްސީ ހަ ޕޮއިންޓުގެ ލީޑަކާއެކު ހަމަޖެހިލައިފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީއަށް ޖުމުލަ 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމާ އެންމެ ގާތުން ވާދަކުރާ މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އެހެން ނަމަވެސް މިރޭ ވެސްޓް ބޮރޮމްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ޗެލްސީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ތިން ޕޮއިންޓަށް ކުޑަވާނެއެވެ. މިރޭގެ ބައްޔާ އެކު ވެސްޓްހޭމް ވަނީ، 31 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނިޓްގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު ކޯނަރަކުން ޑިއެގޯ ކޮސްޓާ ތަނަވަސް ކޮށްދިން ފުރުސަތެއްފައި ކެޕްޓަން ކެޕްޓަން ޖޯން ޓެރީއެވެ. ޓެރީގެ މި ލަނޑާއެކު އޭނާ ވަނީ، ޕްރިމިއާ ލީގުގައި މިހާތަނަށް ޖުމުލަ 36 ލަނޑު ކާމިޔާބުކޮށް، ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑިފެންޑަރު ކަމަށްވާ ކުރީގެ އިނގިރޭސި ޑިފެންޑަރު ޑޭވިޑް އަންސްވޯތުއާ ދެ ލަނޑު ގާތަށް ޖެހިލައިފައެވެ.

ޗެލްސީގެ ދެވަނަ ލަނޑު 62 ވަނަ މިނިޓްގައި އެޑެން ހަޒާޑް ވެސްޓްހޭމްގެ ގޯލް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައެއް ގޯލްގެ ކަނާތްފަރާތުން ތިރީ ކަނުތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ އެވެ. މިއީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން މި ސީޒަންގައި ޗެލްސީއާ ގުޅުނު ސްޕެއިން ފޯވާޑް ޗެލްސީއަށް ކާމިޔާބުކޮށްދިން 13 ވަނަ ޕްރިމިއާ ލީގު ގޯލެވެ.

ޑިއެގޯ ކޮސްޓާ ވެސްޓްހޭމް ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ. މިއީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުުކުރި 13 ވަނަ ލަނޑު -- ފޮޓޯ: ބބީސީ

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ އޮސްކާ، ގެރީ ކޭހިލްއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ކޮށްލާފައިވެއެވެ.

މި މެޗުގައި ވެސްޓްހޭމްގެ ގޯލަށް ޖުމުލަ 28 ހަމަލާ ޗެލްސީ ފޮނުވާލި އިރު ވެސްޓްހޭމަށް ޗެލްސީގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަ ހަމަލާއެވެ. ޗެލްސީގެ ނުވަ ހަމަލާ ވެސްޓްހޭމްގެ ގޯލަށް އަމާޒުވެފައިވާއިރު، ވެސްޓް ހޭމަށް މުޅި މެޗުގައި ވެސް ޗެލްސީގެ ގޯލަށް ނުރައްކާ ކުރެވިފައި ވަނީ އެންމެ ފަހަރަކު އެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ވެސްޓްހޭމްގެ ފްރާންސް މިޑްފީލްޑަރު މޯގަން އަމަލްފިޓާނޯ ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި އޮވެ 2014 ވަނަ އަހަރު ނިންމާލުމުގެ ފުރުސަތު ޗެލްސީއަށް ބޮޑުވެފައިވާއިރު، އެޓީމުން އަންނަނީ އަންން މޭމަހު ނިމިގެންދާނެ އެ މުބާރަތް ކާމިޔާބު ކުރެވޭ ފަދަ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޗެލްސީއާ ދެކޮޅަށް ވެސްޓް ހޭމް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭން ހަމަޖެހިފައި ވާއިރު ވެސްޓްހޭމް ދެން ކުޅޭ މެޗެއްގައި ހަމަ އެދުވަހު ނުކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށެވެ.