26 Dec 2014, 21:26
މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާހަގަ ކުރުމަށް "ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން"ގެ ނަމުގައި އަންނަ ބުދަ ދުވަހުގެ ރޭ މާލޭގައި ބާއްވާ ޝޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ޝޯ ބެލުމަށް ހާޒިރުވާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށާއި ޝޯގައި ބައިވެރިވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޕްލޭން އެކުލަވާލައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެ ޝޯގައި ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ޕާފޯމް ކުރާނެ އެވެ.
އާ އަހަރު ފުރޭ ދުވަހުގެ ރޭ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ކަމަށްވުމާއެކު ދަނޑަށް ހާޒިރުވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކުރަންޖެހޭ ކަންކައްތަކާއި ގަލޮޅު ދަނޑަށް ގިނަ ބަޔަކު ޖަމާވާނެ ކަމަށް ބެލެވޭތީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދާނެ ގޮތް އެކުލަވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝޯ ހިނގަމުންދާ ވަގުތު އެ ސަރަހައްދުގެ މަގުތައް ބަންދު ކުރެވޭނެ ގޮތާއި ގަލޮޅު ދަނޑަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރާ އެއްގަމު އުޅަނދު ޕާކު ކުރެވޭނެ މަގުތައް ވެސް ވަނީ ކަނޑައެޅިފައި ކަމަށެވެ. އެ ގޮތުން ބަންދު ކުރެވޭނެ މަގުތަކާއި އުޅަނދު ޕާކު ކުރާނެ ސަރަހައްދުތައް ފުލުހުން އާއްމު ކުރަމުން ގެންދާނެ ކަމަށް ވެސް މިރޭ އާންމު ކުރި ބަޔާނުގައި ފުލުހުން ވަނީ ބުނެފަ އެވެ.
އިޖުތިމާއީ ގޮތުން ކުރެވޭ މިފަދަ ކަންކަމާ ގުޅިގެން ސަލާމަތާ ރައްކާތެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބަޔަކު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މީގެ ކުރިން ގަލޮޅު ދަނޑުގައި ބައިނަލް އަޤުވާމީ ބޮޑެތި މުބާރާތްތަކުގެ މެޗްތައް ކުޅެވުނު އިރު އެ މެޗްތަކުގައި ވާދަކުރި ބޭރުގެ ކުޅުންތެރިންނާއި މެޗްތައް ބެލުމަށް ދަނޑަށް ހާޒިރުވި ސަޕޯޓަރުންނަށް ދޭންޖެހުނު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގަލޮޅު ދަނޑުގައި ބާއްވާ ގިނަ ޙަރަކާތްތަކެއްގެ ސަލާމަތީ ކަންކަން ގެންދިޔައިރު ލިބިފައިވާ ތަޖުރިބާގެ އަލީގައި މިޝޯވގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމުގެ ޔަގީންކަން މިފުރުސަތުގައި ދެމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.