ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށާއި އެއީ އެމްޑީޕީން ނުވަތަ ސެކިއުލާ އެހެން ބަޔަކު ކުރި ކަމަކަށް ވެދާނެ ކަމަށް އެމީހުން ބުނެފި އެވެ.

ސޫރިޔާގައި ޖަބުހަތުއް ނުސްރާ (އަލް ގައިދާ އިން ދަ ލޭވެންޓް) އާ އެކު ހަނގުރާމަކުރަމުން އަންނަ ދިވެހިން ހިންގާ "ބިލާދުއް ޝާމް މީޑިއާ"ގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އެ ވީޑިއޯއަކީ އެ މީހުންގެ ކަމަކަށް ނުވިއަސް، ޝޯން ޕޯލް ރާއްޖެ ގެނެސް ޝޯ ބޭއްވުން ފަދަ "މުޑުދާރު" ކަންތައްތަކާ ދެކޮޅު ކަމަށެވެ. އަދި ބުނެފައި ވަނީ އެވީޑީއޯ އަކީ އެމީހުންގެ އެއްޗެއް ކަމަށް ދައްކަން މަސައްކަތްކޮށްފައި ވަނީ އެމީހުންގެ ފަރާތުން ރާއްޖެ އަށް ސީދާގޮތެއްގައި ނުރައްކާ އޮތް ކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބުނެފައި ވަނީ އެމީހުން އެފަދަ ވީޑިއޯއެއް އާއްމުކުރާ ނަމަ ކުރާނީ އެމީހުންގެ ޕޭޖްގައި ކަމަށެވެ.

"އެވީޑިއޯ އަކީ، ހަގީގަތުގައި ވުޖޫދުގައި ނެތް ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަށް ދެއްކުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން ނުވަތަ ސެކިއުލަރިސްޓުން ނުވަތަ އެނޫން ވެސް އިސްލާމްދީނާ ދެކޮޅު ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް އަހަރެމެން ތުހުމަތު ކުރަމެވެ،" ބިލާދުއް ޝާމް މީޑިއާގެ ފޭސްބުކް ޕޭޖްގައިވާ ބަޔާނުގައިވެ އެވެ.

އެވީޑިއޯ އަކީ އެމީހުންގެ ކަމެއް ކަމަށް ނުވިޔަސް އެފަދަ ކޮންސެޓްތަކާ ސީދާ ދެކޮޅު ކަމަށާއި އެއީ މުސްލިމް ޒުވާނުންގެ ވިސްނުން ދީނާ ދުރަށް ގެންދިއުމަށް ކާފަރުންނާއި އެމީހުންގެ ބައިވެރިންދޭ ހަމަލާތަކުގެ ބައެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އަދި ޝޯން ޕޯލް ފަދަ ކާފަރުންގެ ހުތުރު އަމަލުތަކާ ދުރަށް ދިއުމަށް ވެސް ބަޔާނުގައި ރާއްޖޭގެ ޒުވާނުންނަށް ގޮވާލާފައިވެ އެވެ.

"... ޝޯން ޕޯލް ފަދަ މުޑުދާރު ކާފަރުން ދޫކޮށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އުއްމަތުގެ ސަލަފުންނަށް ދައްކަވާފައިވާ މިސާލުތަކަށް ތަބާވުމަށް ރާއްޖޭގެ ޒުވާނުންނަށް އަހަރެމެން ގޮވައިލަމެވެ،" ބަޔާނުގައިވެ އެވެ.

"ބިލާދުއް ޝާމް މީޑިއާ"ގެ ފޭސްބުކުގައި އެމްޑީޕީ އަށް ތުހުމަތުކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން ކޮމެންޓަކީ ކޮބައިތޯ އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީއާ ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ ޕާޓީގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.