ސައުދީ އެރެބިޔާގައި އަންހެނުން ވެހިކަލް ދުއްވުން މަނާކޮށްފައި ވަނި އެކަމާ ދެކޮޅަށް އަޑު އުފުލި ދެ އަންހެނަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޔޫއޭއީގައި މަސައްކަތް ކުރާ ދެ ނޫސްވެރިން ކަމަށްވާ، ލުޖައިނާ އަލް ހަތުލަތުއުލް،25 އާއި 33 އަހަރުގެ މާޔާސާ އަލް އަލް އަމުއިދީގެ މައްޗަށް ދައުވާ ކުރަނީ ވެހިކަލް ދުއްވައިގެނެއް ނޫނެވެ. އަންހެނުން ވެހިކަލް ދުއްވުން މަނާ ކުރި އަމުރާ ދެކޮޅަށް ތެދުވެގެންނެވެ. އެ މީހުންގެ ކުށަކީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ކުރާ ކެމްޕޭންގައި ބައިވެރިވުމެވެ.

އެ މައްސަލައިގެ ހައްސާސުކަމުން އެ ދެ މީހުން މީޑިއާ އަށް ކޮމެންޓް ކުރާކަށް ބޭނުމެއް ނުވި އެވެ.

އޭޕީ އިން ބުނީ އެ ދެ މީހުންގެ ދިފާއީ ވަކީލުން ވަގުތުން އެ މައްސަލަ އިސްތިއުނާފު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސައުދީ އަރަބިޔާއަކީ ހަމަ އެކަނި އަންހެނުން ވެހިކަލް ދުއްވުން މަނާ ގައުމެވެ. ޓެކްނި ކަލް ގޮތުން އަންހެނުން ވެހިކަލް ދުއްވުމަކިީ ގާނޫނާ ހިލާފުވުމެއް ނޫނެވެ. ނަމަވެސް ލައިސަސަންސް ދެނީ ހަމަ އެކަނި ފިރިހެނުންނަށެވެ. އަންހެނަކު ވެހިކަލެއް ދުއްވި ކަން ފަޅާއަރައިފި ނަމަ ޖޫރިމަނާކޮށް އަދި ހައްޔަރު ކުރެ އެވެ. އަދި ހަރުކަށި ދީނީ މީހުން ބުނަނީ ވެހިކަލް ދުއްވާ އަންހެނުންގެ މައްޗަށް ހަރުކަށިކަން އިތުރު ކުރަން ޖެހޭ ކަމަށެވެ. ދެހާސް އެގާރަ ވަނަ އަހަރު އަންހެނަކު ވެހިކަލެއް ދުއްވައިގެން 10 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމް ކުރި އެވެ. ނަމަވެސް ރަސްގެފާނު ފަހުން ވަނީ އެމީހާ އަށް މައާފު ދެއްވައިފަ އެވެ.

ލުޖައިނާ އާޢި މާޔާސާ އަކީ އަންހެނުން ވެހިކަލް ދުއްވުން މަނާ ކުރުމާ ދެކޮޅަށް ކުރާ ކެމްޕޭނަށް ތާއީދު ކުރާ މީހުންނެވެ. އެކަމާ ދެކޮޅަށް އަޑު އުފުލި 355،000 ޓުވީޓެއް އެ މީހުން ވަނީ ފޮލޯކޮށްފަ އެވެ.