04 Feb 2011, 00:23
ގަލޮޅު ދެކުނު ދާއިރާއަށް ޑީއާރުޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އިބްރާހިމް ސުޖާއުގެ މައްޗަށް ސިވިލް ކޯޓުގައި މިދަނޑިވަޅު މީހަކު ދައުވާ ކޮށްފައި ވަނީ އޭނާގެ ކެމްޕެއިނަށް ގެއްލުން ދިނުމަށްޓަކައި ސިޔާސީ މަގްސަދެއްގައި ކަމަށް ސުޖާއު މިއަދު ބުނެފި އެވެ.
ސުޖާއު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހ. ހިރިފުށި، ހާމިދު އިސްމާއިލް އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ލޯންޗެއްގެ މައްސަލައިގައި ކަމަށެވެ. އެ ލޯންޗަކީ 1.2 މިލިއަން ރުފިޔާއަށް ގަލްފް ކްރާފްޓުން ބަނދެ، ކާޓިއުންސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޯންޗެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ސުޖާއުގެ ބަޔާނުގައި ބުނެފައި ވަނީ ލޯންޗު ބަނދެ ނިމުމުން އެ ލޯންޗަށް ހަރަދުވި ފައިސާ ހޯދުމުގެ ގޮތުން މީހަކަށް ކުއްޔަށް ދިނުމަށް ގަލްފް ކްރާފްޓް ކުންފުނީގައި މަސައްކަތް ކުރާ ހާމިދު އިސްމާއިލް ލަފާ ދިން ކަމަށެވެ.
ސުޖާއުގެ ބަޔާނުގައި ބުނެފައި ވަނީ ސްރީލަންކަން އިންޝުއަރެންސް އިން އިންޝުއާ ވެސް ކޮށްފައިވާ އެ ލޯންޗު ހާމިދުގެ ލަފާގެ މަތިން ކުއްޔަށް ދީފައި ވަނީ ހއ. އިހަވަންދޫ މީހަކަށް ކަމަށެވެ. ލޯންޗު ކުއްޔަށް ދިންފަހުން އިންޝުއާ ފައިސާ ދެއްކުމަށްޓަކައި ހާމިދަށް ގުޅުމުން ގަލްފް ކްރާފްޓުން އޭނާއަށް ލޯންޗު ވިއްކާލާފައިވާ ކަމަށާއި އޭނާގެ ނަމަށް ރަޖިސްޓްރީ ވެސް ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މި މައްސަލައަކީ ކާޓިއުންސްގެ މުދަލެއް އެހެން ފަރާތަކަށް މަކަރާއި ހީލަތުން ބަދަލުކޮށްފައިވާ މައްސަލައެއްކަމުން އެކަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ސުޖާއުގެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ އަޅުގަނޑުގެ ކެމްޕެއިނަށް ސީދާ ގޮތުން ގެއްލުން ދިނުމަށްޓަކައި ބަޔަކު ރާވައިގެން ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ކަމެއް،" ކާޓިއުންސްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވަމުން އަންނަ ސުޖާއުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "ގަލޮޅުގެ އިއްޒަތްތެރި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ މިފަދަ ކަމަކުން އަޅުގަނޑުގެ ހިތްވަރު ބަލިނުވާނެކަން. ރައްޔިތުންނަށް ހިދުމަތް ކުރުމުގައިވެފައިވާ ވައުދުގައި ޖޯޝާއި ފޯރިއާއެކު ދެމިހުންނާނޭކަން."
ހާމިދުގެ ފަރާތުން ސުޖާއުއަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޭނާ ސުޖާއުއަށް ލޯނު ކުރި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން މިހާތަނަށް ވެސް 1.3 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް އޭނާގެ ފަރާތުން ދައުވާގައި އެދިފައިވެ އެވެ. މި މައްސަލަ ކެމްޕެއިނުގެ ތެރޭގައި ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ ނަމަވެސް މިއީ މާ ކުރިން ހާމިދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.