14:30


އެއްގަމު އުޅަނދުފަހަރު މިމަހު ފަނަރައިން ފެށިގެން ދުއްވޭނީ އިންޝުއާކޮށްގެންކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ދެ އަހަރު ދުވަހަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފި އެވެ.


އެއްގަމު އުޅަނދުފަހަރު ތާޑް ޕާޓީ އިންޝުއާ ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނާ މާއްދާއަށް އިސްލާހް ގެނެސް އެ މުއްދަތު ދެ އަހަރު ދުވަހަށް ފަސްކުރުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވިދާޅުވީ، މިފަދަ ގޮތަކަށް ކުއްލިއަކަށް އުޅަނދުފަހަރު އިންޝުއާ ކުރަންޖެހުމުން މިހާރުގެ މާލީ ހާލަތަށް ބަލައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި މި ބިލަކީ ކުރިއަށް މިއޮތް ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި މަޖިލީހުން ކޮންމެހެން ނިންމަންޖެހޭ ބިލެއް ކަމަށާއި، އެހެން ނޫންނަމަ އެތައް ރައްޔިތުންނަކަށް އަދަބުތަކެއް ލިބިގެންދާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އިންޝުއާކުރަންޖެހޭ ކަމަށް ބުނާއިރު އެކަމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ އެފަދަ މައުލޫމާތުތަކަކީ ކަމާބެހޭ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކެއް ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. ބައެއް މެންބަރުން ވިދާޅުވީ، ކުއްލި ގޮތަކަށް އިންޝުއާކުރަން ޖެހުމުން ދިހަ މިލިޔަނާއި ތިރީސްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް އިންޝުއަރެންސްގެ ގޮތުގައި ރައްޔިތުން ދައްކަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނާއި ކުންފުނިތަކުން އެކަމަށް ތައްޔާރުވެފައި ނެތް ވަގުތެއްގައި މިފަދަކަމެއް ކުރުމުން އެންމެ ކުންފުންޏަކަށް އެފުރުސަތު ލިބި އިންޝުއަރެންސްގެ އަގު މައްޗަށް އަރައިގެންދާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ލިބޭ މުސާރައިން އެތައް ޕަސެންޓެއް ކަނޑާފައިވާއިރު އުޅަނދުފަހަރު ދުއްވުމަށް އެކި ގޮތްގޮތުން އެތައް ފައިސާއެއް ސަރުކާރަށް މިހާރު ވެސް ދޭންޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި އެކަންތައް އެގޮތަށް އޮންނައިރު ޖޫރިމަނާގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގައިގެން 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކާނެ ކަމަށް ދައުލަތުގެ ބަޖެޓްގައި ފުލުހުންގެ އޮފީހުން ހިމަނައި، އެކަމަށްޓަކައި އުޅަނދުފަހަރު ޓޯޔާޑަށް ލައިގެން ޖޫރިމަނާގެ ގޮތުގައި ދުވާލަކު އެއްލައްކަ ރުފިޔާ ރައްޔިތުންގެ އަތުން ފުލުހުން ނަގަމުންދާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ޕާކްކުރާނެ ސަރަހައްދެއް ހެދުމަކާ ނުލައި ބަރާބަރަށް ޖޫރިމަނާ ނަގަމުންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރުން މުހައްމަދު ނަޝީދު ވިދާޅުވީ، ސާވޭކުރެވޭނެ އެއްގޮތް ނިޒާމެއް ނެތި، ބަދަލު ނަގައިދިނުމުގެ އުސޫލުތަކާއި، އިދާރީ އޮނިގަނޑެއްގެ ގޮތުގައި ވެސް ގާނޫނީ އޮނިގަނޑެއް ނެތް މި ހާލަތުގައި އުޅަނދުފަހަރު ދުއްވޭނީ އިންޝުއާކޮށްގެންނޭ ބުނުމުން، އިންޝުއަރެންސް ކޮމްޕެނީ ބޭނުން ގޮތަކަށް އެކަން ކުރުމަށް ދޫކޮށްލެވިގެންދާ ކަމަށެވެ. އަދި އޭރުން އެ ދެކެވެނީ، ގާނޫނީ، އިދާރީ އޮނިގަނޑެއް ނެތި އިންޝުއަރެންސް ކޮމްޕެނީއަށް އެތައް ފައިސާތަކެއް ވަދެގެންދާ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިންޝުއާ ކުރުމަށް މިމަހު ފަނަރައިގެ ނިޔަލަށް އޮތް މުއްދަތު މި ބިލުން ދެއަހަރަށް ފަސްކޮށްފައި ވަނީ، އިންޝުއަރެންސާ ބެހޭ ގާނޫނީ އޮނިގަނޑެއް ގެނައުމަށާއި، ތަހުގީގުތައް އެއް ހަމައެއްގައި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށާއި، ގެއްލުމުގެ މިންވަރު ސާވޭކުރެވޭނެ ނިޒާމެއް ގާއިމްކޮށް ބަދަލު ނަގައިދޭނެ ނިޒާމެއް ގާއިމްކުރުމަށް ދޮޅު އަހަރު ދުވަސް ދައުލަތަށް ދީފައި ހަމަސް ދުވަހަށްފަހު އެކަން ތަންފީޒުކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދު އިންޝުއަރެންސްގެ ގާނޫނީ އުސޫލުތަކެއް ހުރެގެން ނޫނީ އިންޝުއާކުރުން ގާނޫނަކުން ލާޒިމުކުރަންނުޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް ވިދާޅުވެ އެ ކަމާބެހޭ ތަފްސީލްތައް ވެސް ނަޝީދު މަޖިލީހަށް އިއްވަވައިދެއްވި އެވެ.


މި ބިލަށް ބަހުސް ކުރުމަށް ރިޔާސަތުން ހުޅުވާލެއްވި ތިން ގަޑިއިރުގެ ބަހުސްގައި އެންމެހާ މެންބަރުން ބިލަށް ތާއީދުކުރެއްވުމުގެ ގޮތުން ބަހުސް ކުރުކުރައްވައި އެއްގަޑިއިރު ވެސް ނުވަނީސް ބަހުސް ނިންމަވާލެއްވި އެވެ.


މީގެ އިތުރުން ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއިން ހަދައިފައިވާ އެގްރީމަންޓްތައް، ކުންފުނި އުފެދޭތާ ދެ މަސް ދުވަހުގެ ތެރޭގައި މުރާޖައާކޮށް، އެގްރީމެންޓްތައް ބާތިލްކުރުމުގެ ބާރު ދޭގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުފެއްދުމުގެ ބިލު ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ.


މެންބަރުން މި ބިލަށް ހުށަހެޅުއްވި އިސްލާހްތަކަށްފަހު ބިލު ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ބިލް ފާސްކުރައްވާފައި ވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލަށް މެންބަރުން ހުށަހެޅުއްވި ގިނަ އިސްލާހްތަކެއް ވެސް ވަނީ ފާސްވެފަ އެވެ. މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ބޭންކިންއާބެހޭ ބިލު  ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.