26 Dec 2014, 19:09
އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯ އަށް، ގްރެމީ އެވޯޑު ހާސިލް ކޮށްފައިވާ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރުދީފައިވާތީ އެކަމާ ގުޅިގެން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރުދީފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މަރުގެ އިންޒާރުދީފައިވާ ވީޑިއޯއެއް އާންމުކުރިނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފަރާތަކުން ކަންބޮޑުނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސޫރިޔާއާއި އިރާޤުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބޭނުންކުރާ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދައާ އެކު ޔޫޓިއުބުގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ ދުޝްމަނުންނަކީ "ނުބައި ނުލަފާ، ޖައްބާރު" ކާފަރުން ކަމަށެވެ. ޝައިޠާނެކޭ އެއްގޮތަށް، އެ މީހުން މަސައްކަތް ކުރަމުން ދަނީ ރީތި މަންޒަރުތަކާއި ލަވައާއި ނާޗަރަންގީ ބޭނުން ކޮށްގެން ރާއްޖެ ފަސާދަ ކުރުމަށް ކަމަށް އެ މީހުން ބުންޏެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ ވެސް ހިމެނޭ ވީޑިއޯ މެސެޖުގައި ބުނެފައި ވަނީ މީލާދީ އާ އަހަރާއި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރަން ނުޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން ރާއްްޖޭގެ ސަގާފަތާ ގުޅުވަން މަސައްކަތް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލާއި ދަރިންގެ ހަލާކު ކަމަށް ވެސް ބުނެފައި ވެއެވެ.
ވީޑިއޯގައި އަދި ބުނެފައި ވަނީ މި ދެކެވެނީ ދީނުގައި ހައްދު ފަހަނަޅައި ގޮސްފައިވާ ވިސްނުމަކުން ދެކެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ވީޑިއޯ ބަލާ މީހަކަށް އެފަދައިން އިހުސާސް ކުރެވޭ ނަމަ އެއީ އެމީހެއްގެ އީމާންތެރިކަން ބަލިކަށިކަން ދައްކުވައިދޭ ހެއްކެއް ކަމަށް ވެސް ބުނެފައި ވެ އެވެ.
އިބާރާތްތަކެއް ލިޔެފައިވާ ގަނޑުތަކެއް ހިފައިގެން، މޫނު ނިވާކޮށްގެން ހުރި މީހަކު ފެންނަ ވީޑިއޯގައި ބުނެފައި ވަނީ ޝޯން ޕޯލް ފަދަ "ފާހިޝް އަމަލުތައް ކުރާ ބޮޑު ޖައްބާރު ކާފަރަކު" ރާއްޖެ އައިސް، ގައުމު ފަސާދަ ކުރަން ދެން ޖާގައެއް ނުދެވޭނެ އެވެ. އޭނާ ރާއްޖެ ގެނައުމުގެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށާއި އޭނާގެ ހިމާޔަތުގައި މަސައްކަތް ކުރާނީ މުނާފިގުން ކަމަށް ވެސް އެ މެސެޖުގައި ވެއެވެ.
"ޝޯން ޕޯލް!!! ތިބާ މި ދިވެހިރާއްޖެއަށް އައިސްފި ނަމަ ދެން ފެނިގެން ދާނީ ތިބާގެ ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު!!!" ސަލާމަތީ ބާރުތަކަކީ ﷲގެ ހަޒުރަތުގައި 'އެއްވެސް ބައެއް ނޫން' ކަމަށް ބުނެ، ދެ ފަހަރަށް ތަކުރާރު ކޮށްފައިވާ އިންޒާރުގައިވެ އެވެ.