އާ އަހަރާ ދިމާކޮށް މީހުން ގެނެސްގެން ޝޯ ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އާ އަހަރާ ދިމާކޮށް ޝޯ ބޭއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އަދި މަރުގެ އިންޒާރު ދިނުމަކީވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޒުވާނުންނަށް ހެޔޮ އެދުމަކީ އިސްލާމްދީނުގެ ސަގާފަތާއި ރިވެތި މަންހަޖުގެ ތެރެއިން އެމީހުން ނެރުމެއް ނޫން ކަމަށެވެ.

"މުސްލިމުންގެ ސަގާފަތަށް ގޮންޖަހައި ކަންކަން ކުރި މީހުންގެ މާޒީން އިބުރަތް ހާސިލް ކުރަންޖެހޭ،" މިކަމާ ގުޅޭ ގޮތުން މިނިސްޓަރު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.


އެހެންނަމަވެސް އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯ އަށް، ގްރެމީ އެވޯޑު ހާސިލް ކޮށްފައިވާ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގައި ވިއަސް އެ ޝޯ ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެފައިވެއެވެ.

ސޯން ޕޯލްގެ ޝޯވް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ބަޑިބޭހާއި އަލިފާނުގެ ބައެއް ކުޅިވަރުތަކާއެކު އެވެ. މި މަހު 31 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ އެ ޝޯއަށް ވަނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު އެ ރޭ 7:30 އިން ފެށިގެން ދަނޑުގެ ގޭޓްތައް ހުޅުވާނެ އެވެ.

ސޯން ޕޯލް ރާއްޖެ ގެންނަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށާއި ވަކިން ހާއްސަކޮށް ޒުވާނުންގެ މުނިފޫހިފިލުވުމުގެ ގޮތުން ކަމަށް މިނިސްޓަރު އަދީބު ވަނީ ވިދާޅުވެފައެވެ.