ސްޕެއިން އާއި ސައުދީ ފާމްތަކުގެ އެހީގައި ސައުދީ އަރަބިއްޔާގައި ގާއިމުކުރާ 8.2 ބިލިއަން ޑޮލަރުގެ ހައި-ސްޕީޑް ރެއިލްވޭގެ މަސައްކަތް ނިމުމުގެ ތާރީހު ލަސްވިޔަ ނުދިނުމަށް ސައުދީ ސަރުކާރުން "ފަހު އިންޒާރު" ދީފި އެވެ.

މައްކާއާއި މަދީނާގެ ދެމެދުގައި ދަތުރު ކުރުމަށް ތައްޔާރުކުރަމުން އަންނަ 450 ކިލޯމީޓަރުގެ އެ ރޭލުމަގު ހައްޖުގެ އަޅުކަން އަދާ ކުރަން އަންނަ މީހުންނަށް ހާއްސަ ކޮށްފައިވީ ނަމަވެސް އާންމުންނަށްވެސް ރޭލު ބޭނުން ކުރެވޭނެއެވެ.

ސްޕެނިޝް ކޮންސޯޓިއަމް އަކާއެކު ތިން އަހަރުގެ މުއްދަތައް ސައުދީ އިން ވި އެއްބަސް ވުމުގައި ބުނާގޮތުގައި ސްޕެނިޝް ކުންފުނިން ތައްޔާރުކުރާ ރޭލުމަގުގައި 35 ރޭލެއް ފޯރުކޮށްދޭއިރު 10 އަހަރަށް އެ ރޭލުތަކާއި އެ ރޭލުމަގުގެ މެއިންޓެނެންސްގެ މަސައްކަތް އެ ކޮންސޯޓިއަމުން ކުރާނެ އެވެ.

މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގެ އައު ޓްރާންސްޕޯޓް މިނިސްޓަރު އަބްދުﷲ ބިން އަބްދުއްރަހްމާން އަލް-މަޤްބެލް ދެ ދުވަހަށް ކުރެއްވި އިންސްޕެކްޝަނަކަށް ފަހު ވިދާޅުވީ، އެ ރޭލުމަގު ހަދައި ނިންމުމަށް ކަނޑައަޅާފައިވާ ވަގުތު ކައިރިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެމަސްތެރޭގައި އެ ރޭލް މަގުގެ މަސައްކަތް ނިންމުމަށް މަސައްކަތުގެ ބާރު އިތުރުކޮށް ބޭނުންވާ ސަޕްލައި އިތުރުކުރަން ޖެހޭ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ދަނީ އެގައުމުގެ ރެއިލްވޭސްތައް އިތުރަށް ތަރައްގީ ކުރަމުންނެވެ. އެގޮތުން 22.5 ބިލިއަން ޑޮލަރުގެ މެޓްރޯ ސްޓޭޝަނެއްގެ މަސައްކަތް ވެރިކަންކުރާ ރިޔާދުގައި މިހާރު ފަށާފައިވެއެވެ.