26 Dec 2014, 14:26
ވ. ކެޔޮދޫން: މަރިޔަމް ރާނިޔާ
ވ. ކެޔޮދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޒައިދު ބިން ޘާބިތު (ރަޟިޔަﷲ ޢަންހު) މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.
މިސްކިތުގެ ބިންގާ އެޅުމަށް މިއަދުގެ ހުކުރު ނަމާދައްފަހު ކެޔޮދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އާއި ކުވައިތުގެ ސެންޓްރަލް މިސްކިތުގެ އިމާމް، އަލް އަޚް ޢީސާ އަލް އަލް ޢީސާ އާއި އެލިޔާ ކޮންސްޓްރަކްޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު ޢަލީ އެވެ.
މި މިސްކިތަކީ ކުވައިތުގެ ސެންޓްރަލް މިސްކިތުގެ އިމާމް، ޝެއިޚް ޢީސާ އަލް ޢީސާ އާއި އެލިޔާ ކޮންސްޓްރަކްޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު ޢަލީ އަޅުއްވައިދެއްވާ މިސްކިތެކެވެ.

އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބިނާކުރާ މި މިސްކިތް ބިނާކުރުމަށް ކުވައިތުގެ އިމާމް، 300،000 ޑޮލަރު ހަދިޔާ ކުރައްވާފައިވެ އެވެ. އަދި އެލިއާ ކޮންސްޓްރަކްޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު ޢަލީގެ ފަރާތުން 1.8 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަދިޔާ ކުރައްވާފައިވެއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ކެޔޮދޫގައި ބިނާކުރާ މި މިސްކިތަކީ، ވ. އަތޮޅުގައި ދީނީ ކަންކަން ކުރިއަރުވާ މައި އިދާރާއަށް ވެގެންދާނޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ކެޔޮދޫގައި މިއަދު ބިންގާ އެޅިގެންދިޔަ މިސްކިތް، މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.