"އާންމުކޮށް އުދައަރާ ރަށެއްވީމަ، ހީކުރީ އުދައަރަނީ ކަމަށް. އެއްފަރާތުން އަރައިގެން އައި ރާޅު ހިނދުކޮޅެއްގެ ތެރޭގައި ހިގައްޖެ. ދެވަނައަށް އައި ރާޅާއެކު ގެބިގެން ދިޔައީ. އަޅުގަނޑަކީ ފަތަން އެނގޭ މީހެއް ނޫން. ގައިމަތިން ބޮޑު ކަޅުހަމެއްވެސް ދިޔަ. ރާޅާ އެކު އައި ޓިނުގަނޑަކުން ފައިވެސް ކަފައިގެން ދިޔަ. އަދިވެސް ލަކުނު އެބައިން،" އަސްމާ މުހައްމަދު މީގެ 10 އަހަރު ކުރީގެ ވާހަކަ "ސަން" އާ ހިއްސާ ކުރީ އަސަރާއެކުއެވެ. އަސްމާގެ ވާހަކައިން އެ ކާރިސާގެ މަންޒަރުތަށް ސިފަވެ ގައިން "ހީބިހި" ނަގައިގެން ދިޔައެވެ. ހިތުގައި ބިރުވެރިކަން އުފެދުނެވެ.

އިންޑޮނޭޝިއާގެ ސުމަޓުރާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި ރ. އަތޮޅު ކަނދޮޅުދޫ އެއްކޮށްް "ދޮވެވިގެން" ދިޔައިރު، އެރަށު އަސްމާ އިބްރާހިމް އަކީ އެ ހިތި ތަޖުރިބާ ކުރަން ޖެހުނު މީހުންގެ ތެރެއިން އެކަކެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިން ފެނިގެން ދިޔަ ބިރުވެރިކަން އަސްމާ ކިޔައިދިން އިރު ލޮލުން ކަރުނަ ހިލުނެވެ.

"ގެންގުޅުނު ހުރިހާ އެއްޗެއް ސުނާމީގައި ގެއްލިގެން ދިޔަ. މަޑުއްވަރީއަށް ގެންދިޔައިރު ލާނެ އައްނައުނެއް އަރާނެ ފައިވާނެއް ވެސް ނެތިފަ ހުންނަން ޖެހުނީ. ފައި ހަލާކުވުމުގެ ސަބަބުން ހިނގާފައެއް ނޫޅެވުން. މީހަކު އުރައިގެން މަޑުވަރީ ސިއްހީ މަރުކަޒާ ހަމައަށް ވެސް ގެންދިޔައީ،" އެދުވަހު ކުރި ބިރުވެރި އަދި ހިތްދަތި ތަޖުރިބާގެ ވާހަކަ އަސްމާ ކިޔައިދިނެވެ.

ސުނާމީ އެރިއިރު އުމުރުން 22 އަހަރުގެ އަސްމާއަކީ މިއަދު ކާމިޔާބު ޖަވާޒީ ހަޔާތެއް ހޭދަކުރަމުންދާ، އަދި 5 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެކެވެ. ނަމަވެސް އެދުވަހުން ފެށިގެން އަސްމާ ތަހައްމަލު ކުރަމުންދާ އެއްކަމެއް އެބަ އޮތެވެ. އެއީ ނަފްސާނީ ބައްޔަށް ބޭސް ކެއުމެވެ. އަސްމާ ބުނި ގޮތުގައި، އެ ބޭހާ ނުލައި، ދިރިއުޅުމަކީ މިހާރު އޭނާއަށް ނުކުރެވޭނެ ކަމެކެވެ.

" އެކަމުގެ ސަބަބުން އަޅުގަނޑު މިހާރުވެސް ނަފްސާނީ ބޭސްކަމުން މިދަނީ. ވަރަށް ބޮޑަށް ނަފްސާނީގޮތުން ގެއްލުންވި،" އަސްމާ ބުންޏެވެ.

އަސްމާ ފާހަގަކުރިގޮތުގައި، ސުނާމީ ކާރިސާއަކީ ދުނިޔޭގައި ހުރިހާ ދުވަހަކު އެ މަންޒަރުތަށް ހިތުން ފިލައިގެން ނުދާނެ ހާދިސާއެކެވެ. އެގޮތުން އެ ކާރިސާގައި އެންމެ ހަނދާނުން ފިލުވާލަން ދަތިވި ވަގުތުކޮޅު އަސްމާ ވަނީ "ސަން" އާ ހިއްސާކޮށްފައެވެ.

" އެންމެ ހަނދާނުން ފިލުވާލަން ދަތި ވަގުތުކޮޅަކީ ގެނބިގެން ދިޔަ ވަގުތުކޮޅު. ހަމައެއްކޮށް އަޑިޔަށް ދިޔަ. މިހާރުވެސް ރޮވޭ އެވަގުތު ހިތަށް އަރާފަ. އަޅުގަނޑަށް މިހާރުވެސް ސިފަވޭ ބޮޑެތި އެއްޗެހި ރާޅާއެއްކޮށް އަންނަ މަންޒަރު،" ފެންކަޅިވެ ހުރި ހާލުގައި އަސްމާ ކިޔައިދިނެވެ.

އަސްމާ ބުނީ، އެ ހަނދާންތަކާ ދުރަށް ނުދެވޭ ކަމަށާއި، ހުވަފެނުންވެސް އެ މަންޒަރުތަށް އަދިވެސް ސިފަވާ ކަމަށެވެ.
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫގެ ރައްޔިތުން އެ އަތޮޅު ދުވާފަރަށް ބަދަލުކޮށްފައި ވަނީ ސުނާމި އެރިތާ ހަ އަހަރު ފަހުން 2009 އަހަރުއެވެ. ކަނދޮޅުދޫއަކީ ކުޑަ ރަށަކަށް ވެފައި ބިންބޮޑު ދުވާފަރަށް ބަދަލުކުރުމުން އުފާކުރާކަމަށް އަސްމާ ބުންޏެވެ. ނަމަވެސް ލިބުނު ނަފްސާނީ ގެއްލުމުން އަރައި ނުގަނެވޭ ކަމަށް އަސްމާ ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ ކަނޑަށް އައިި ބާރުގަދަ ބިންހެލުމާއެކު އައި ބިޔަ ރާޅުތަކުގައި ޖެހި، އެ ރާޅުތަކުން ސަލާމަތް ވާން މަސައްކަތް ކުރި ކިތަންމެ ދިވެހިންނެއް މި ދިވެހި ރާއްޖޭގައި އެބަތިއްބެވެ. އަދި އެ ވޭނީ ހަނދާންތަށް ސިނކުޑިން ފިލައިގެން ނުދާ، ނަފްސާނީ ގޮތުން އެކަން ތަހައްމަލު ކުރަމުން ދާ އަސްމާ ފަދަ ކިތަންމެ ދިވެހިންނެއް އެބައުޅެއެވެ. އެދުވަހު ރަށްރަށަށް އަރައިގެން އައި ބިޔަ ރާޅުތަކާއެކު ލިބުނު އުމްރާނީ ގެއްލުމުން އަރައިގަނެވުނު ނަމަވެސް ނަފްސާނީ ގޮތުން ލިބުނު ބިރުވެރިކަން އަދިވެސް ފިލައިގެން ނުދެއެވެ.