26 Dec 2014, 13:56
އެޕާޓްމަންޓް ބިލްޑިންގް އެއްގެ ތިރީގައި ހަދާފައި ހުރި ސްވިޑުންގެ މިސްކިތަކަށް ހަމަލާދީ ފަސް މީހަކު އިއްޔެ ޒަހަމުކޮށްލައިފި އެވެ.
ފުލުހުންނާ ހަވާލާދީ ބީބީސީ އިން އިއްޔެ ބުނީ އެ އަލިފާނުގެ ހާދިސާ ހިނގި އިރު މިސްކިތުގައި 15 ނޫނީ 20 ވަރަކަށް މީހުން މެންދުރު ނަމާދަށް ތިބި ކަމަށެވެ.
މިސްކިތުގައި ރޯކޮށްލި އަލިފާން ނިއްވާލުމަށް އަލިފާން ނިއްވާ މީހުން ދިޔަ އިރު، މުޅި މިސްކިތުން ދުން އަރަނީ އެވެ.
އެ ހާދިސާ ހިންގީ އިމިގްރޭޝަން ޕޮލިސީއާ ބެހޭ ގޮތުން ޑިބޭޓް އުފެއްދުމުގެ ގޮތުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެއް ބަޔަކު ބޭނުން ވަނީ އެ ގައުމުން އެސައިލަމް ދޭ މީހުންގެ އަދަދު މަދު ކުރުމަށެވެ. އެކަމަކު ބޮޑެތި ޕާޓީތަކުން ބޭނުން ވަނީ ލިބަރަލް ޕޮލިސީ ދެމެހެއްޓުމަށެވެ.
"މީހަކަށް ފެނުނު މިސްކިތުގެ ކުޑަދޮރަކުން މީހަކު އެއްްޗެއް އެއްލިތަން، އަދި އެއާ އެކު މިސްކިތުގެ ތެރޭގައި އަލިފާން ފެތުރިގެން ދިޔަ،" ފުލުހުން ބުންޏެވެ.
އަދިނ ފުލުހުުން ބުނީ ދުމުގެ އަސަރުކޮށްގެން ފަސް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނު ކަމަށެވެ.
ފުލުހުން އެ މައްސަލަ ނެގީ ޖިނާއީ އަދި ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ މިސްކިތް ހުރި ސަރަހައްދަކީ ގިނަ އަދަދަކަށް ބޭރުން ހިޖުރަ ކުރި މީހުން އުޅޭ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.