ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުގައި ހުންނެވި ގީލާ އަލީ އަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ދެއްވައިފި އެވެ.

ގީލާ މިއަދު ސަން އަށް ވިދާޅުވީ އޭނާ އެ މަގާމަށް ވަޑައިގަތީ އިއްޔެ ކަމަށާއި އަދި އެއީ އަމިއްލަ އިހްތިޔާރުގައި ބޭނުންވެން ނިންމެވި ނިންމުމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަކީ ސިޔާސީ މަގާމެކެވެ.

ގީލާ ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ކަމުން އިސްތިއުފާ ދެއްވުން، ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވާނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީޒާ އަލީ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވި އެވެ.

ގީލާ ފޮރިން މިނިސްޓްރީ އަށް ނުކުމެވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެނެވެ.

ގީލާ އަށް ހެލުތު މިނިސްޓްރީގެ ޕީއެސް ކަން ދެއްވީ 2010 ވަނަ އަހަރު އެވެ.