03 Feb 2011, 20:51
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެއްދުވަހަށް ވެފައިވާއިރު ސިޔާސީ ހަމަނުޖެހުން ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު ބުނެފި އެވެ.
ތިން ހަފްތާގެ މުއްދަތަށް ޕޮލިޓިކަލް ވަޔަލަންސް މޮނީޓާ ކުރުމަށް ފަހު އެ ޖަމްއިއްޔާއިން މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި އާންމު ކުރި ބަޔާނެއްގައި ބުނަނީ، ޑިމޮކްރަސީ ނެޓްވޯކުގެ ހިއުމަން ރައިޓްސް ޑިފެންޑަރުން އަށް އަތޮޅެއްގައި ޕޮލިޓިކަލް ވަޔަލެންސް މޮނީޓާކުރުމަށް ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އިންތިހާބާ ގުޅިގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ހަމަނުޖެހުން ހިންގުމާއި ކެމްޕޭން ކުރުމަށް އެކި ގޮތްގޮތުން ހުރަސްއެޅުމާއި މުދަލަށް ގެއްލުން ދިނުމާއި އަންހެނުންގެ ސިޔާސީ ހައްގުތަކަށް އަރައިގަތުން ފަދަ ކަންތައްތައް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
އެމްޑީއެންގެ ބަޔާނުގައި ހުރި މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވަމުން ޑިމޮކްރަސީ ނެޓްވޯކުގެ އެގްޒެކެޓިވް ޑައިރެކްޓާ އަހުމަދު އިރުފާން މިއަދު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް އޮންނަޖެހޭނެ ކަމަށާއި ޑިމޮކްރެޓިކް މުޖުތަމައެއްގައި މާރާމާރީ އާއި ހަމަނުޖެހުން ހިންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
"އެހެންކަމުން މިކަމާ ތަންކޮޅެއް ފުންކޮށް ވިސްނައި މިކަންތައްތައް ދިމާވަނީ ކީއްވެގެންތޯ ބަލައި މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ބެލުމަށް އަޅުގަނޑުމެން ވާނީ މަޝްރޫއެއް ފަށާފައި،" ޔުނިސެފްގެ އެހީއާ އެކު ޑިމޮކްރަސީ ނެޓްވޯކުން ކުރިއަށްގެންދާ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިރުފާން ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ކޮންމެ ފަރުދަކަށްވެސް އެމީހަކަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ހަމަނުޖެހުންތަކުން އެއްކިބާވެ މިނިވަން ކަމާއި އެކު ލިބެންޖެހޭ ކަމަށް ވެސް ޑިމޮކްރެސީ ނެޓްވޯކުން ބުނެ އެވެ.
އަދި އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވުމަށާއި ވޯޓުލާ ދުވަހުވެސް އަމަންއަމާންކަމާއި އެކު ކަންކަން ކުރިއަށް ގެންދިޔުމަށް ހުރިހާ ކެންޑިޑޭޓުންނަށާއި ރައްޔިތުންނަށް އެމްޑީއެން އިން ވަނީ ގޮވައިލައިފަ އެވެ.
"އެއްވެސް މާރާމާރީއެއް ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށަކަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ކުރުމުން ނުވަތަ ބަހެއް ބުނުމުން ވެސް އެއްކިބާވެގަތުމަށް ވެސް ގޮވާލަމެވެ. އަދި ހާއްސަ ގޮތެއްގައި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުންނާއި ކެންޑިޑޭޓުންގެ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުވަތަ ޖީނާއީ ކުށެއް ހިނގިޔަ ނުދިނުމަށްވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ،" ޑިމޮކްރަސީ ނެޓްވޯކުގެ ނޫސްބަޔާނުގައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން މުސްތަގިއްލު ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށް ޑިމޮކްރަސީ ނެޓްވޯކްއިން އެންމެހާ ޒިންމާދާރު މުއައްސަސަތާކަށް ގޮވާލަމުން އެ ބަޔާނުގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަށް ވީ އެންމެ އަވަހަކަށް ބައްލަވައި އެ މައްސަލަތައް އިންސާފުވެރި ކަމާއެކު ނިންމެވުމަށެވެ.
އަދި އިންތިހާބާއި ގުޅިގެން ހިނގާ ތަފާތު ހަމަނުޖެހުންތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ޑިމޮކްރަސީ ނެޓްވޯކުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.