26 Dec 2014, 12:01
ފިލިޕީންސް ލީގުގެ ޗެމްޕިއަން ސްޓެލިއޯން އެފްސީއަށް ކުޅެމުންއައި ގޯލް ކީޕަރު ޕެޑްރޯ މަރެންކޯ، ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ނިއުއަށް ބިދޭސީ ގޯލްކީޕަރަކު ހޯދާފައި މިވަނީ، އެޓީމާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ އެޓީމުގެ ކެޕްޓަން، އަދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްވެސް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓާފައިވާ ހުނަރުވެރި ގޯލް ކީޕަރު އިމްރާން މުޙައްމަދު ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅުމުން އޭނާގެ ބަދަލުގައެވެ.
ނިއުގެ ކުރީގެ ކޯޗު، ސައިމަން މެކްމެނަމީގެ ކޯޗުކަމުގެ ދަށުން ފިލިޕީންސްގެ ލޮޔޮލާ ސްޕާކްސްއަށް ވެސް ކުޅެފައިވާ، އިސްކޮޅުގައި ހަ ފޫޓު އެއް އިންޗި ހުންނަ، 26 އަހަރުގެ މަރެންކޯ އަންނަ މަހުގެ 10ގައި ނިއުގެ ފަރިތަކުރުންތައް ފަށަންވާއިރަށް އެ ކްލަބާ ގުޅޭނެ ކަމަށް ނިއުގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
މަރެންކޯގެ އިތުރުން ކްލަބް އީގަލްސް އަދި ބީޖީ ސްޕޯޓްސްގެ ގޯލް ކުރި ބެލެހެއްޓި ޒުވާން ކީޕަރު މުޙައްމަދު ޔަމާންވެސް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ކްލަބަށް ގެނެސްފައިވާ ކަމަށް ނިއުއިން ބުންޏެވެ.