ފ. އަތޮޅު ނިލަންދޫގައި މިހާރު ކުރިއަށް ގެންދާ ޒޯން ފަހެއްގެ މުބާރާތުގައި އިއްޔެ ކުޅުނު މުބާރާތުގެ ދެވަނަ މެޗުވެސް އެއްވަރު ވެއްޖެ އެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި މުލަކު އެކުވެރި ކްލަބެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އެވެ. އެ ހާފްގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ގިނަ ހަމަލާތަކެއް އުފައްދާފައި ވާއިރު، މުލަކު އެކުވެރި ކްލަބުގެ ކީޕަރުގެ ފަރާތުން ވަނީ ހުނަރުވެރި ސޭވްތަކެއް ފެނުގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ހާފް ފެށިތާ އިރުކޮޅެއް ތެރޭ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ ކީޕަރަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. އަދި މެޗުގެ ބާކީ އޮތް ވަގުތުކޮޅު މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ ގޯލު ބަލަހައްޓާފައި ވަނީ އެ ޓީމްގެ ދެވަނަ ކީޕަރެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ހުނަރުވެރި ކުޅުމެއް ދެއްކި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ ކެޕްޓަން އާދަމް ޝަހީމް އެވެ.

މ. އަތޮޅު މުލަކުގެ ވާދަވެރި ދެ ކްލަބް ކަމަށްވާ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި މުލަކު އެކުވެރި ކްލަބް އެންމެ ފަހުން ރަސްމީ މެޗެއްގައި ބައްދަލުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެ އަތޮޅުގައި ބޭއްވި އަތޮޅު މުބާރާތުގެ ފައިނަލްގައެވެ. އެ މެޗުގައި މުލަކު އެކުވެރި ކްލަބް 1-0 ގެ ނަތީޖާއަކުން މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ކުރި ހޯދާފައި ވާއިރު، އެ ކްލަބް ޒޯން ފަހެއްގެ މުބާރާތައް ދަތުރުކުރީ މ. އަތޮޅު މުބާރާތުގެ ޗެންޕިއަންގެ މަގާމް ހާސިލްކޮށްގެނެވެ. އަދި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއަށް ޒޯން ފަހެއްގެ މުބާރާތުން ޖާގަ ލިބުނީ މ. އަތޮޅު މުބާރާތުގެ ރަނަރަޕްގެ މަގާމް ހާސިލް ކޮށްގެނެވެ.

ޑިސެންބަރު 24 ވަނަ ދުވަހު ފެށި ޒޯން ފަހެއްގެ މުބާރާތުގައި މުޅިއެކު ހަ ޓީމެއް ވާދަކުރާއިރު، އެ މުބާރާތް ކުރިއަށް ގެންދަނީ ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އަދި އެ މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، އެ ދެމެޗުވެސް ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަުރު ވެފައެވެ.