ފައިނޭންޝަލް ފެއަރ ޕްލޭ (އެފްއެފްޕީ) ގަވައިދުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީ ޗެލްސީއަށް ގެނެވެން ނެތް ކަމަށް އެ ޓީމްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ބީޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، މެސީ ޗެލްސީއަށް ގެނެވުމުގެ "އެއްވެސް ފުރުސަތެއް" ނެތް ކަމަށާއި، ޔޫއެފާ އެފްއެފްޕީ ގަވަދު މިހާރު ހެދިފައި އޮތުމުން އެ ގަވައިދަށް އެ ކްލަބް އަމަލު ކުރަންޖެހޭ ކަމަށެވެ. އަދި އެ ގަވައިދުގެ ސަބަބުން މެސީ ޗެލްސީއަށް ގެނެވުމަށް ހާލަތު ތަން ނުދޭ ކަމަށްވެސް އޭނާ ބުންޏެވެ.

"އެފްއެފްޕީ ގަވައިދުގެ ދަށުން ކަނޑައަޅާފައިވާ އަދަދުތަކަށް ޗެލްސީވެސް ބޯ ލަނބަން ޖެހޭ. މެސީ އަކީ ހައިރާންކުރަނިވި ބޮޑު އަގެއް ޖެހިފައިވާ ހައިރާންކުރާފަދަ ހުނަރުވެރި ކުޅުންތެރިއެއް. ނަމަވެސް އޭނާ ޗެލްސީއަށް ގެންނަން މިވަގުތު ޗެލްސީ އޮތް ހާލަތު ތަނެއް ނުދޭ. މިވަގުތު އޭނާ ޗެލްސީއަށް ގެނެވުމުގެ އެއްވެސް ފުރުސަތެއް ނެތް،" މޮރީނިއޯ ބުންޏެވެ.

މިއަހަރު ނިމުނުއިރު ފައިދާގެ ގޮތުގައި ޗެލްސީއަށް 18.4 މިލިއަން ޕައުންޑުގެ ރިކޯޑު އަދަދެއް ލިބިފައި ވާކަމަށް އެ ކްލަބުން އިއުލާނު ކޮށްފައި ވާއިރު، މިހާތަނަށް އެ ކްލަބް އެފްއެފްޕީ ގަވައިދާ ހިލާފު ވެފައެއް ނުވެއެވެ. ނަމަވެސް މިހާރު މެސީ ކުޅެމުންދާ ބާސެލޯނާއިން އޭނާ ދޫކޮށްލަން 205 މިލިއަން ޕައުންޑުގެ އަގެއް ކަނޑައަޅާފައި ވައިރު، މޮރީނިއޯ ބުނީ ކައިރި މުސްތަގުބަލެއްގައިވެސް މެސީ ޗެލްސީއަށް ގެނެވޭނެކަމީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

އެންމެ ފުރަތަމަ އޭނާގެ ސީނިއާ ފުޓްބޯޅަ ކެރިއަރުވެސް ބާސާއިން ފެށި މެސީ އެ ކްލަބުގެ އެއްވަނަ ޓީމަށް ކުޅެން ފަށާފައި ވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އަދި އޭނާ މިހާރު އެ ކްލަބަށް ކުޅެދޭތާ 10 އަހަރު ވެފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ބަސާ ދޫކޮށްލަފާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. އެ ހަބަރާއެކު ބޮޑެތި އެތައް ކްލަބުތަކަކުން ވަނީ އޭނާއާމެދު ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޔޫއެފާއިން 2009 ވަނަ އަހަރު ތައާރަފްކުރި އެފްއެފްޕީ ގަވައިދަކީ ޔޫރަޕުގެ ކްލަބުތަކަށް ފައިދާގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ގިނަ އަދަދަކަށް ކުޅުންތެރިން ގަތުމަށް ކްލަބުތަކުން ހޭދަކުރުން މަނާކުރާ ގަވައިދެކެވެ. އެ ގަވައިދު ޔޫއެފާއިން ތައާރަފް ކޮށްފައި ވަނީ ޔޫރަޕްގެ ކްލަބުތައް ގިނަ އަދަދެއްގެ ފައިސާ ކުޅުންތެރިން ގަތުމަށް ހޭދަކުރަމުން ދިޔުމުގެ ސަބަބުން، ކްލަބްތައް ދަރަނިވެރިވެ ބަނގުރޫޓު ވަމުން ދާކަން އެ އިދަރާއަށް ފާހަގަ ވެގެންނެވެ. އަދި ޔޫރަޕްގެ ގިނަ ބޮޑެތި ކްލަބްތައްވެސް ވަނީ އެ ގަވައިދު ވުޖޫދަށް ގެނެވުމަށް އެހީތެރި ވެދިނުމުގެ އިތުރުން، އެ ގަވައިދަށް އަމަލުކުރަން އެއްބަސްވެފައެވެ.