26 Dec 2014, 10:58
ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އިންޑޮނޭޝިއާގެ ސުމަޓްރާ ޖަޒީރާގައިވާ ބަންދަރު އަޗޭ މުޅިން ފަނާވި އެވެ. އެރަށުގެ ގާތްގަނޑަކަށް ހުރިހާ އިމާރާތެއް ހަލާކުވި އިރު އިން ވެސް ވަކިވާކަށް ނެތެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެރަށް އެދުވަހު އޮތީ ފޮހެވިގެން ގޮސްފައެވެ.

2005 ވަނަ އަހަރު އިންޑޮނޭޝިއާގެ ބަންޑާ އަޗޭ -- ފޮޓޯ: ބީބީސީ
ނަމަވެސް މިއަދު އެހާދިސާއަށް 10 އަހަރު ފުރުނު އިރު މަންޒަރު އޮތީ މުޅިން ބަދަލުވެފައެވެ. ބަންދަރު އަޗޭއަށް ޒިޔާރަތް ކުރި ނޫސްވެރިއަކު ލިޔެފައިވާ ގޮތުގައި މިހާރު އެރަށުން ފެންނަނީ ރީތި ގެތަކާއި މިސްކިތްތަކެވެ. ވިދާ ބަބުޅަމުންދާ މުންނާރުތައް ވެސް މެއެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި، ބަންދަރު އަޗޭގެ ބައެއް ރައްޔިތުން ބުނެފައި ވަނީ އެދުވަހު ހުރިހާ އެއްޗެސް ހަލާކުވެ، ގެއްލި ދިޔަ ނަމަވެސް، އަލުން އާރާސްތު ކުރުމުގެ ރޫހު މަރުނުވާ ކަމަށެވެ.
"... އަހަރެމެން ގެންގުޅުނު ހުރިހާ އެއްޗެއް ސުނާމީ ހަލާކުކުރި، އަހަރެމެންގެ ގެތަކާއި އަހަރެމެންގެ އާއިލާތައް ވެސް، އެކަމަކު އަހަރެމެންގެ ރޫހު ހަލާކެއް ނުވޭ، އަހަރެމެން އެންމެން އަތާ އަތް ގުޅައިލިން، އަދި މާތް ރަސްކަލާންގެއާ ވަކީލު ކުރިން،" އޭއެފްޕީއާ ވާހަކަ ދެއްކި ބަންދަރު އަޗޭގެ ސަލީހާ ނަމަކަށް ކިޔާ އުމުން 50 އަހަރުގެ މީހަކު ބުނެފައި ވެއެވެ.

ބަންޑާ އަޗޭގެ ބައިއަތުއް ރަހްމާން މިސްކިތް، 2004 ވަނަ އަހަރުގެ ސުނާމީ އެރިތާ ދެ ދުވަސް ފަހުން -- ފޮޓޯ: ދަ ގާޑިއަން
އިންޑޮނޭޝިއާއިން އެކަނި 170،000 މީހުން މަރުވި ސުނާމީއަށް ފަހު ބަންދަރު އަޗޭ އަލުން އާރާސްތު ކުރުމަށް އޭގެ ފަހުން އައި އަހަރުތަކުގައި ޖުމްލަ ހަތް ބިލިޔަން ޑޮލަރު ހޭދަކުރި އެވެ. އެ ފައިސާއިން 140،000 އަށް ވުރެ ގިނަ ބިނާކުރިއެވެ. އަދި އެތައް ހާސް ކިލޯމީޓަރެއްގެ މަގު ވެސް ވަނީ ހަދާފައެވެ. ގިނަ އަދަދެއްގެ ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ އިމާރާތްކޮށްފައެވެ.
ބަންދަރު އަޗޭ އެހާ އަވަހަށް އާރާސްތުކުރަން ފެށުނީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ޖަމާއަތްތަކާ ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރެވި، ހަމަނުޖެހުންތައް ހުއްޓުމުންނެވެ. އެކަން ވީ ސުނާމީ އެރިތާ އެއް އަހަރު ފަހުންނެވެ.