" ޕެސިފިކްގެ އަލިފާނުގެ ވަށްބުރު" ގައި ހިމެނޭ އިންޑޮނޭޝިއާގެ ކައިރިން ބިންހެލުން އައުމަކީ އާ ކަމެއް ނޫނެވެ. އާ ކަމަކީ އެސަރަހައްދަށް ބިންހެލުމެއް ނައުމެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުން 26 ވީ އާދީއްތަ ދުވަހު އައި ބިންހެލުމަކީ ބިރުވެރިކަން އިންތިހާއަށް ދިޔަ ހެލުމެކެވެ. ސުމަޓްރާގެ ކައިރިން ކަނޑުގެ އަޑިއަށް އައި ބިންހެލުން އެތައް ހާސް ފޫޓެއްގެ ދުރުގައި އޮތް ދިވެހި ރާއްޖޭގައި ތިބި މީހުންނަށް އޭގެ އިހުސާސް ވިއެވެ.

އެ ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ބިޔަ ރާޅުތައް މިހާތަނަށް އައުމަށް ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ގެއްލުމުގެ ވާހަކައަކީ ބާ ވާހަކައެކެވެ. އެ ހާދިސާގެ ފަހުން ވިހޭ ގިނަ ކުދިންތަކެއް މިހާރު ތިބީ ފަތަން ދަސްކުރެވޭ އުމުރުގައެވެ. ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް ދާއިމީ ހިޔަލެއް ލިބުނީ އަދިކިރިޔާ އެވެ. ސުނާމީގައި އެތައް ބައެއްގެ ގެދޮރު ބިމުން ފޮހެވިގެން ދިޔައިރު ރާއްޖޭގައި އޭރު އޮތް ވެރިކަމަށް ވެސް އޮތީ ސިޔާސީ އެތައް ސުނާމީއެއް ތަޖުރިބާ ކޮށްގެންނެވެ. ނަމަވެސް ފީވެފައި އޮތް އެ ވެރިކަމުން ވެސް ވައުދުތަކެއްވެ، މަސައްކަތްތަކެއް ކުރިއެވެ.

ދުނިޔޭގެ އެހީދޭ ޖަމާއަތްތަކާއި ސަރުކާރުތަކުން ދިވެހިންނަށް އެހީތެރިވުމުގެ މަސައްކަތް ފެށީ އޭރު އޮތް، ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައެވެ. ސުނާމީގައި ހަލާކުވި ގެތައް އަލުން ބިނާކޮށް ރަށްތައް އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެ ދައުރު ނިމުނު އިރު ގިނަ މަސައްކަތްތަކެއް ބާކީ ހުއްޓެވެ. އޭގެ ފަހުން އައީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުން ހޮވުނު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރެވެ. އެސަރުކާރުގެ ދައުރު ދެބައިވި އިރު ވެސް ސުނާމީގައި ހާލުގައި ޖެހުނު ގިނަ ބަޔަކު އެގޮތުގައި ތިބީ އެވެ.

ސުނާމީގައި ގެދޮރު ހަލާކުވި މީހުންގެ ތެރެއިން 1600 މީހުން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އައި އިރު ވެސް ތިބީ ވަގުތީ ހިޔަލުގައެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން އޭރު ބުނެފައި ވަނީ ގެދޮރު ނުލިބި ގިނަ ބަޔަކު ތިބީ ތަފާތު މައްސަލަތަކާ ހެދި ކަމަށެވެ. އެގޮތުން މ. ކޮޅުފުށީގައި ގެ އަޅަން ފެށުނީ ވެސް ފަސް އަހަރު ފަހުން ކަމަށް އެ ސެންޓަރުން އޭރު ބުނެފައި ވެއެވެ.

"... އެންމެ ބޮޑު މައްސަލަ ދިމާވީ މ. ކޮޅުފުށީގެ މައްސަލަ އެރަށުގައި ގެއަޅަން ފެށުނީ ވެސް ފަސް އަހަރަށް ފަހުގައި. ތަފާތު މައްސަލަތައް ދިމާވެ، ކޮންޓްރެކްޓަރުން ރަށުން ފޮނުވާލުމާ ފުރަތަމަ ޕާޓީގެ މޭޓީރިއަލްތައް ވީރާނާވެގެން ދިއުމާ މިކަހަލަ ބައިވަރު ސަބަބުތައް ކުރިމަތިވީ،" އެ ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލް އޭރު ސަންއަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް ޖެހިގެން އައި 2012 ވަނަ އަހަރުގެ ކުރީކޮޅު އެ ގެތައް ނިމި މީހުންނަށް ވަދެވޭނެ ކަމަށް ވެސް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން އޭރު ބުންޏެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ކުރީ ކޮޅު ރާއްޖޭގެ އެފަދަ ހުރިހާ ކަމަކަށް ހުރަސް އެޅިގެން ދިޔައީ ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއިން، ކަމުނުދާ ގޮތަކަށް ވެރިކަން ބަދަލުވުމުންނެވެ.

ރައީސް ނަޝީދު އަރިހުގައި ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވެސް ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ގެތައް ނިންމާނެ ކަމުގެ ވައުދުވި އެވެ. ހައުސިން މިނިސްޓަރުކަމުގައި މިހާރު ވެސް ހުންނެވި ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވީ ޖެހިގެން އަންނަ އަހަރު (2013) ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަސައްކަތް ނިންމައި ލެވޭނެ ކަމަށެވެ. ނަމަވެސް ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް އަޅަމުން ދިޔަ ގެތަކުގެ މަސައްކަތް 2013 ވަނަ އަހަރު ވެސް ނިމޭ ގޮތެއް ނުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ.

"... ދެން އެޕްރޮޖެކްޓްގެ ވާހަކަ އަޅުގަނޑުމެންނަށް ކުރިން ވަރަށް ގިނަ ފަހަރު ފަހަރު ދެއްކިފައި ވާނެ. ޕްރޮޖެކްޓް 2009 އަކުން 2011 ގެ ނިޔަލަށް ކުރެވިފައިވާ ގޮތުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ސަރުކާރާ ރައްޔިތުންނަށް ވެފައި ވާތީ ވަރަށް ބޮޑެތި އިހުމާލުތަކެއް އޭގެ ތެރޭގައި ހިނގައި، ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު ވަރަށް ދަށް ވެފައި ވާތީ ވަރަށް ގިނަ ކަންކަން ކުރިން ކޮށްފައިވާ ކަންކަމުގެ ސަބަބުން ކުރަން ޖެހިފައިވާތީ، އަދި އިތުރަށް ފައިސާވެސް އެކަމުގައި ސައުދީ ފަންޑުގައި ދަންނަވައިގެން ހޯދަން ޖެހުމާ އެކީ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ޕްރޮޖެކްޓް ނުނިމި އަދިވެސް ދިގުލައިގެން މިދަނީ،" ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ސަރުކާރަށް އެއް އަހަރު ފުރިގެން ބޭއްވެވި ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ރިޔާސީ ވައުދާ އެެއްގޮތަށް ސުނާމީކާރިސާއަށް 10 އަހަރު ވާއިރު އެއްވެސް މީހަކު ވަގުތީ ހިޔަލުގައި ނުބެހެއްޓުމަށް ހައުސިން މިނިސްޓްރީން އޭރުވެސް އައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު އެކަމާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ.

"... މިގެތަކުގެ މަސައްކަތް އެކަށީގެންވާ ވަރާ ގާތަށް ވެސް ނުކުރެވި، ހަތަރު އަހަރެއްހާ ދުވަސް ވަނީ ގޮސްފައި. އަދި މިގެތައް ހަދަން ގެނެވިފައިވާ އެތައް މިލިޔަން ރުފިޔާއެއްގެ ތަކެތި ވަނީ ބޭނުން ނުކޮށް ހުރުމުން ހަލާކުވެގެން ގޮސްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ، ގެތައް ނިންމަން ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ކަމަށެވެ. އެގޮތުން ކުރިން ގެނައި ތަކެތި ބޭނުން ނުކުރެވި ހަލާކުވެ ދިއުމުން އެތަކެތި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެތަން މިތަނުން ހޯދައިގެން ގެންނަން ޖެހުމަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިއަދުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ސިޔާސީ އެކި އެކި ފަރާތްތަކުން ވެސް ހުރަސްތައް ކުރިމަތި ކުރި ކަަމަށެވެ.

"... އެގޮތުން އިދިކޮޅު ފަރާތްތަކުގެ ކިބަިއން ވެސް މިމަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް އަޅުގަނޑުމެން ކުރަމުން ދިޔަ މަސައްކަތަށް އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރަމުން ގޮސްފައިވާކަން ހިތާމަޔާއި އެކު ފާހަގަ ކޮށްލަން،" ރޭގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.

އެހުރިހާ ކަންތައްތަކެއް ތެރެއިން ވެސް ސުނާމީކާރިސާގައި ގެދޮރުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައި ދިނުމަށް ކުރި މަސައްކަތްތަކާ ބެހޭ ތަފުސީލު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ތ. މަޑިފުށީގައި ހަދަމުން ދިޔަ 41 ގޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގއ. ދާންދޫގައި ހަދަމުން ދިޔަ 87 ގޭގެ ތެރެއިން 86 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށާއި ގއ. ނިލަންދޫގައި 50 ގޭ ތެރެއިން 45 ގެ އަދި ގއ. ވިލިނގިލީގައި 77 ގޭގެ ތެރެއިން 59 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގއ. މާމެންދޫގައި ހަދަމުން ދިޔަ 84 ގޭގެ ތެރެއިން 51 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހުރިހާ ގެއެއްގެ މަސައްކަތް މުޅިން ނުނިމުނު ނަމަވެސް މިހާރު ވަގުތީ ހިޔަލުގައި އެކަކުވެސް ނުހުންނާނެ ކަން މިނިސްޓަރު ރޭ ވަނީ އިއުލާން ކުރައްވާފައެވެ.

"...ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ކަމުގައިވާ ސިޔާސަތުކަމުގައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކު ނުބެހެއްޓުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަން އަޅުގަނޑު އުފަލާއި އެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.