އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯ އަށް، ގްރެމީ އެވޯޑު ހާސިލް ކޮށްފައިވާ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު، ދިވެހި "ހަނގުރާމަވެރިން" ކަމަށް ބެލެވޭ ބަޔަކު މިއަދު ދީފި އެވެ.

ސޫރިޔާއާއި އިރާޤުގައި އިސްލާމިކް ސްޓޭޓް (އައިއެސްގެ) އިން ބޭނުންކުރާ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ އާ އެކު ޔޫޓިއުބުގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ ދުޝްމަނުންނަކީ "ނުބައި ނުލަފާ، ޖައްބާރު" ކާފަރުންނެވެ. ޝައިތާނާ އެކޭ އެއްގޮތަށް، އެ މީހުން މަސައްކަތް ކުރަމުން ދަނީ ރީތި މަންޒަރުތަކާއި ލަވަ އާއި ނާޗަރަންގީ ބޭނުން ކޮށްގެން ރާއްޖެ ފަސާދަ ކުރުމަށް ކަމަށް އެ މީހުން ބުންޏެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއި އެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ ވެސް ހިމެނޭ ވީޑިއޯ މެސެޖުގައި ބުނެފައި ވަނީ މީލާދީ އާ އަހަރާއި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރަން ނުޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން ރާއްްޖޭގެ ސަގާފަތާ ގުޅުވަން މަސައްކަތް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލާއި ދަރިންގެ ހަލާކު ކަމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ވީޑިއޯގައި އަދި ބުނެފައި ވަނީ މި ދެކެވެނީ ދީނުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ވިސްނުމަކުން ދެކެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ވީޑިއޯ ބަލާ މީހަކަށް އެފަދައިން އިހުސާސް ކުރެވޭ ނަމަ އެއީ އެމީހެއްގެ އީމާންތެރިކަން ބަލިކަށިކަން ދައްކުވައިދޭ ހެއްކެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

އިބާރާތްތަކެއް ލިޔެފައިވާ ގަނޑުތަކެއް ހިފައިގެން، މޫނު ނިވާކޮށްގެން އިންނަ މީހަކު ފެންނަ ވީޑިއޯގައި ބުނެފައި ވަނީ ޝޯން ޕޯލް ފަދަ "ފާހިޝް އަމަލުތައް ކުރާ ބޮޑެތި ޖައްބާރު ކާފަރަކު" ރާއްޖެ އައިސް، ގައުމު ފަސާދަ ކުރަން ދެން ޖާގައެއް ނުދެވޭނެ އެވެ. އޭނާ ރާއްޖެ ގެނައުމުގެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށާއި އޭނާގެ ހިމާޔަތުގައި މަސައްކަތް ކުރާނީ މުނާފިގުން ކަމަށް ވެސް އެ މެސެޖުގައި ބުންޏެވެ.

"ޝޯން ޕޯލް!!! ތިބާ މި ދިވެހިރާއްޖެ އަށް އައިސްފި ނަމަ ދެން ފެނިގެން ދާނީ ތިބާގެ ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު!!!" ސަލާމަތީ ބާރުތަކަކީ ﷲގެ ހަޒުރަތުގައި "އެއްވެސް ބައެއް ނޫން" ކަމަށް ބުނެ، ދެ ފަހަރަށް ތަކުރާރު ކޮށްފައިވާ އިންޒާރުގައިވެ އެވެ.