25 Dec 2014, 23:32
ރާއްޖޭގެ އެއްވެސް ހިސާބެއްގައި މިހާރު ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށްވީ ވަގުތީ ހިޔަލުގައި އެއްވެސް މީހަކު ނުބަހައްޓަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
"...ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ކަމުގައިވާ ސިޔާސަތުކަމުގައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކު ނުބެހެއްޓުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަން އަޅުގަނޑު އުފަލާއި އެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައި ދިނުމަށް ކުރި މަސައްކަތްތަކާ ބެހޭ ތަފުސީލު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ތ. މަޑިފުށީގައި ހަދަމުން ދިޔަ 41 ގޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގއ. ދާންދޫގައި ހަދަމުން ދިޔަ 87 ގޭގެ ތެރެއިން 86 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށާއި ގއ. ނިލަންދޫގައި 50 ގޭ ތެރެއިން 45 ގެ އަދި ގއ. ވިލިނގިލީގައި 77 ގޭގެ ތެރެއިން 59 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގއ. މާމެންދޫގައި ހަދަމުން ދިޔަ 84 ގޭގެ ތެރެއިން 51 ގޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ގއ. ގެ ހަތަރު ރަށެއްގައި އިމާރާތް ކުރަނީ 298 ސުނާމީ ގެ އެވެ. އެ ގެތައް ނިންމުމުގެ މަސައްކަތް ކުރަމުންދަނީ ވިމްލާ ކޮންސްޓްރަކްޝަނާއި އެމްއާރްޑީސީ އާއި އެމްޓީސީސީ އާއި އެމްއެންޑީއެފެވެ.