03 Feb 2011, 19:29
އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބު އަންނަ ހޮނިހިރު ބޭއްވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަގުތުން އަމުރުކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫ ސިޓީ ކައުންސިލް ބޭއްވުމަށް އަމުރު ކުރުމުގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މައްސަލަ ސިވިލް ކޯޓުން ބަލައި ހުކުމްކޮށްފައި ވަނީ ގާނޫނު އަސާސީއާ ގާނޫނާއި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކުތޯ ބެލުމަށް ވެސް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
".. ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން އަޅުއްވަންޖެހޭ ފިޔަވަޅެއްވާނަމަ، އެ ފިޔަވަޅެއް އަޅުއްވައި ދެއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބު 5 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް މިހިނދުން މިހިނދަށް އަމުރެއް ނެރުއްވައި ދެއްވުން އެދި ދައުލަތުން ވަނީ މިއަދު، 3 ފެބްރުއަރީ 2011 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ،" އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނިންމުމެއް ފުރަތަމަ ވެސް ހުށަހަޅަންޖެހޭނީ ހައި ކޯޓަށް ކަމަށްވާއިރު އެ އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ސިވިލް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ސިވިލް ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީން ކަނޑައެޅި ޝަރުތުތައް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ސ. ހުޅުދޫ އަންނާރުވިލާ، ހަސަން ނަސީރު ހުށަހެޅުއްވި މައްސަލައިގައި، އައްޑޫ ސިޓީ ކައުންސިލް ނުބޭއްވޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އިންތިހާބު ކެންސަލް ކުރި މައްސަލައިގައި އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނުބޭއްވުމަކީ، "އެކަމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި އައްޑޫ ސިޓީގެ ދާއިރާގައި ވޯޓު ދިނުމަށް ތިބި ރައްޔިތުންގެ ހައްގު ނިގުޅައިގަނެވި، އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުން ލިބޭނެ" ކަމެއް ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި ހައި ކޯޓުން ވަނީ މިއަދު އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.