އަނިޔާވެރިކަން ހުއްޓުވުމަށް އާ އަޒުމެއް ކަނޑައަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ޤައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަނިޔާވެރިކަން ނައްތައިލުމަށް ނަފުސު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން ރާއްޖެއާ ދޭތެރޭ އާ ވިސްނުންތަކަށް ދާން ޖެހޭ ކަމަށެވެ.

"...ބާރުތައް ހަގީގަތުގައި ބޭނުން ކުރަންވީ، ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން ދިވެހިރާއްޖެއާ ދޭތެރޭގައި އާ ވިސްނުންތަކަކަށް، އާދެ ދިވެހިރާއްޖެ ކުރިއަށް ދިއުމުގައި އަޅުގަނޑުމެންގެ ތަފާތުތަކެއް ހުރި ނަމަވެސް، ގަބޫލު ކުރެވޭ، ނޫނިއްޔާ މުޅި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭ ކަންކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭތޯ މި ބާރުތައް ބޭނުން ކުރަންވީ. މި ބާރުތައް ހެޔޮ ގޮތުގައި ބޭނުން ކުރަންވީ. އަޅުގަނޑުމެންގެ ތެރެއިން އަނިޔާވެރިކަން ދުއްވައިލުމަށްޓަކައި، އަޅުގަނޑުމެން އާ އަޒުމެއް ކަނޑައަޅަން މި ޖެހެނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަފާތުތަކާއި އެކުގައި ވެސް އެކަކު އަނެކަކުގެ ހައްގުތަކަށް އަރައި ނުގަނެ ގަބޫލު ކުރެވޭ ކަންތައްތަކެއްގައި ގައުމައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ.

ރައީސް އަދި ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ހައްގުތަކުގެ ނަމުގައި ކޮށްދިނުމަށް ގޮވާލާ ފަދަ ކަންތައްތަކަށް ރާއްޖެ ފަދަ އިސްލާމީ ގައުމުތަކުގައި ޖާގަ ދެވެން ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ވިސްނުން ހުރީ ރާއްޖެ ފަދަ ގައުމުތަކުން އެކަންތައްތައް ގަބޫލުކުރަން ދަތިވާ ފަދަ ގޮތަކަށް ކަމަށެވެ.

އަދި ވިދާޅުވީ ﷲ ނަހީ ކުރެއްވި ކަންތައްތަކަށް އަރައި ގަންނަ މީހުންނަށް އެހެން ރައްޔިތުންނެކޭ އެއްވަރުގެ ހައްގުތައް ދޭން ނުޖެހޭ ކަމަށާއި އެއީ ނަސީބެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެ ވިސްނުމެއް ނެތް ކަމަށެވެ.

"...އަޅުގަނޑުމެންނަށް ﷲ ނަހީ ކުރައްވާފައި ހުރި ކަންތައްތަކަށް އަޅުގަނޑުމެންގެ ރައްޔިތުން އަރައިގަންނާތީ އެ މީހުންނަށް އެހެން ރައްޔިތުންނަށް ލިބޭ ވަރުގެ އެއްވަރު ހައްގުތަކެއް ހޯދައިދޭކަށް އަޅުގަނޑުމެންގެ ގާނޫނު އަސާސީ ޖާގައެއް ނުދޭ،" ރައީސް ވިދާޅުވި އެވެ.