25 Dec 2014, 22:39
ކައުންސިލްތަކުން ނަގާ ފީތަކާއި ކުލި އަދި އެހެނިހެން ފައިސާއަކީ ކައުންސިލްތަކުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ ކަަމަށް އެއްބަސްވެ، ދެކުނުގެ ހަތަރު އަތޮޅަކުން އިގުރާރުވި ނިންމުމާ ދެކޮޅަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ތެދުވެއްޖެ އެވެ.
ގއ. އާއި ގދ. އާއި ފުވައްމުލަކު އަދި އައްޑޫ ސީޓީ ކައުންސިލަރުން ހިތަދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އިގުރާރުވެފައި ވަނީ ކައުންސިލްތަކުން ނަގާ ފީ އަކީ ކައުންސިލްގެ އާމްދަނީ ކަމަށާއި އެ ފައިސާއަކީ ކައުންސިލްތަކުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ ކަމަށެވެ.
އެލްޖީއޭގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކައުންސިލްތަކުން ނަގާ ފީތަކާއި ކުލި އަދި އެހެނިހެން ފައިސާއަކީ ދިވެހި ދައުލަތުގެ ބަޖެޓަށް ވަންނަންޖެހޭ ފައިސާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ވަކިގޮތަކަށް ކަނޑަނާޅުއްވާހާ ހިނދަކު އެ ފައިސާތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފޮނުވައިދިނުމަށް ނާޒިމް ވަނީ ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ކައުންސިލްތަކުން ދައުލަތަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް އަނބުރާ ކައުންސިލްތަކަށް ލިބޭނެ އުސޫލެއް ހަމަޖެހިފައި ނެތުމަކީ އެ ފައިސާ ކައުންސިލްތަކުން ހިފަހައްޓަންޖެހޭ ހުއްޖަތެއް ނޫން ކަމަށް ނާޒިމްގެ ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
"ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ލިބޭ އެންމެހައި އާމްދަނީ އާއި އެހެނިހެން ފައިސާއަކީ ދައުލަތުގެ މާލިއްޔަތަށް ވަންނަންޖެހޭނެ ތަކެއްޗެވެ. އަދި ކައުންސިލްތަކުން ދައުލަތަށް ލިބޭ އާމްދަނީން ވަކި މިންވަރެއް އަނބުރާ ކައުންސިލްތަކަށް ލިބޭނެ އުސޫލެއް ހަމަޖެހިފައި ނެތުމަކީ ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ރޫހާ ހިލާފަށް އެ ފަދަ ފައިސާ ހިފެހެއްޓުމަށް އޮތް ހުއްޖަތެއް ކަމުގައި މި އޮތޯރިޓީން ނުދެކެމެވެ،" ނާޒިމް ސޮއި ކުރައްވައި ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެ އެވެ.